ޚަބަރު

ރައީސް ޓްރަމްޕް މަޤާމުން ދުރުކުރުމުގެ ދެވަނަ މަރުޙަލާ!


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ދުރުކުމަށް ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ތިއްބެވި ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދެވަނަ މަރުޙަލާ ފަށަން މިހާރުވަނީ ތައްޔާރުވެފައެވެ.

މައްސަލާގައި ހެކިބަސް ނެގުމަށް މިދިޔަ ދެ ހަފުތާތެރޭ ކުރިޔަށްގެންދިޔަ އަޑުއެހުންތައް ނިންމާލުމަށްފަހު ކޮމިޓީން މިހާރު ވަނީ ރިޕޯޓެއް ލިޔުމަށް ޕެނަލެއް އެކުލަވާލައި އެ މަސައްކަތް ފަށާފައެވެ. ރިޕޯޓުގައިވާ ހޯދުންތަކުގެ އަލީގައި ޓްރަމްޕް މަޤާމުން ދުރުކުރުމަށް ކުރެވޭ ކަންކަން އިތުރަށް ކުރިޔަށްގެންދަން ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްވެއްޖެނަމަ އެ ރިޕޯޓު ހައުސްގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވޭނެއެވެ. ދެން، އެ ކޮމިޓީގެ ފަރާތުން ޓްރަމްޕް މަޤާމުން ދުރުކުރަން ބޭނުންވާ މާއްދާތައް އެކަށައަޅާނެއެވެ.

ޓްރަމްޕް މަޤާމުން ދުރުކުމަށް ކުރާ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅަކީ ޤާނޫނުހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީގެ ޗެއަރަމަން އެޑަމް ޝިފްއެވެ. ޝިފް ވިދާޅުވީ ހެކިބަސް ނެގުމުގެ މަސައްކަތް މިވަގުތައް މެދުކަނޑާލާފައި އޮތަސް އެކަން ކުރިޔަށްގެންދަން ވިސްނަމުންދާކަމަށެވެ. ސީއެންއެންގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިފް ވިދާޅުވީ ޓްރަމްޕްއާ ދެކޮޅަށް ކުރެވޭ ތަޙުޤީޤުގައި އިތުރު ކިތާބީ ހެކިތައް ލިބެމުންދާކަމަށެވެ. މިހެންކަމުން ތަޙުޤީޤާ ގުޅުންހުރި އިތުރު ފަރާތްތަކާ ސުވާލުކުރުމާއި އިތުރު ތަޙުޤީޤުތައް ހިންގުމުގެ ފުރުޞަތު އެބައޮތްކަމަށް ޝިފް ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ މަޤާމުން ދުރުކުރަން ކުރަމުންދާ މަސައްކަތާއި ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ މަޤާމުން ދުރުކުރަންޖެހޭ ވަރުގެ ކުށެއް ނުކުރައްވާކަމަށެވެ. އަދި މިކަމަކީ އޭނާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން އެނގުމާއި ވިދިގެން އޭނާގެ ދެކޮޅުވެރިން މާ ދުރާލައި ކުރަން ރާވައިފާ ކަމެއްކަމަށް ޓްރަމްޕްވަނީ ތުޙުމަތުކުރައްވާފައެވެ.

ރައީސް ޓްރަމްޕް މަޤާމުން ދުރުކުރަން ކުރާ މަސައްކަތުގެ މުގުލުގައިވަނީ އޭނާ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ކުރެއްވި ފޯނުކޯލެއްގެ މައްސަލައެވެ. އެ ފޯނުކޯލުގައި ރައީސް ޓްރަމްޕް ޒެލެންސްކީގެ ކިބައިން އެދިވަޑައިގަތްކަމަށް ތުޙުމަތުކުރެވިފައިވަނީ އޭނާއާއި ސިޔާސީ ގޮތުން ވާދަވެރި ޑިމޮކްރަޓިކް ޕާޓީގެ ޖޯ ބައިޑަންއާމެދު ތަޙުޤީޤެއް ހިންގައިދިނުމަށެވެ.

ބައިޑަންއަކީ އަންނަ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވަފާނެކަމަށް ބެލެވޭ ބޭފުޅާއެވެ. ބައިޑަންއާއި އޭނާގެ ފިރިހެން ދަރިފުޅު ޔޫކްރެއިންގެ ހަކަތައާބެހޭ ކުންފުނީގައި ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތުތަކެއް ތަޙުޤީޤުކުރަން ޓްރަމްޕް ބޭނުންފުޅުވުމުގެ ފަހަތުގައިވަނީ ސިޔާސީ ފައިދާނެގުންކަމަށް އެތައް ފަރާތްތަކަކުންދަނީ ބުނަމުންނެވެ. މީގެ އިތުރުން ބޭރު ޤައުމެއްގެ ރައީސެއްގެ ކިބައިން އެމެރިކާގެ މަތީ ފެންވަރުގެ ސިޔާސީ ބޭފުޅެއްގެ މައްސަލައެއް އޮތްތޯ ބަލައި ތަޙުޤީޤުކޮށްދޭން އެދުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށް ބެލެވޭތީ ރައީސް ޓްރަމްޕް މަޤާމުން ދުރުކުރަންޖެހޭކަމަށް ޑިމޮކްރަޓިކް ޕާޓީން ވަނީ ބުނެފައެވެ.