ވިޔަފާރި

އޮސްޓްރޭލިއާއިން ޕަޕުއަ ނިއުގިނީއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް!


އޮސްޓްރޭލިއާއިން ޕަޕުއަ ނިއުގިނީއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ ޕެސިފިކް ކަނޑުގެ ޤައުމެއްކަމަށްވާ ޕަޕުއަ ނިއުގިނީއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމީ އެޤައުމުގެ ބަޖެޓް ފައިނޭންސް ކުރުމަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ. މީގެ އިތުރުން ލޯނުގެ ސަބަބުން އިޤްތިޞާދީ ބަދަލުތައް ގެނެސް، ސަރުކާރު ހިންގުމަށްވެސް ފަސޭޙަވެގެންދާނެކަމަށް އޮސްޓްރޭލިއާއިން ބުނެއެވެ.

އޮސްޓްރޭލިއާއިން ޕަޕުއަ ނިއުގިނީއަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައިވާއިރު، ޕަޕުއަ ނިއުގިނީއާ ޕެސިފިކް ސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކަށް ޗައިނާއިން ދަނީ އެހީތެރިކަން ފޯރުކޯށްދީ، ޗައިނާގެ ނުފޫޒު ގަދަ ކުރަމުންނެވެ. މިޤައުމުތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާއާއި އެމެރިކާއަށް ވާގިދޭ ޤައުމުތަކުގެ ނުފޫޒު އޮތް ޤައުމުތަކެކެވެ.

ޕަޕުއަ ނިއުގިނީއަކީ ގޭހާއި ތެލާއި ރަނާއި އެކު މައުދަނުން މުއްސަނދިކަން ލިބިފައިވާ ގައުމެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މިތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެޤައުމަށް ލިބެމުންދިޔަ އާމްދަނީ ވަނީ މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއެކު ޗައިނާގެ މާލީ އެހީތެރިކަމަށް އެޤައުމުން އެދެންޖެހުނެވެ. އަދި މިދިޔަ އޮގަސްޓްމަހު ޕަޕުއަ ނިއުގިނީން ވަނީ އެޤައުމުގެ ދަރަނިތައް އަދާކުރުމަށްވެސް ޗައިނާގެ އެހީތެރިކަމަށް އެދިފައެވެ.