ޚަބަރު

ދާ އަޅައިގެން މަސްވެރިކަން ކުރަނިކޮށް އަތުލި ބޯޓްތައް މާލެ ގެނެސްފި


ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގަވައިދާއި ހިލާފަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގެން ލަންކާގެ މަސްބޯޓުތައް މާލެ ގެެނެސްފިއެވެ.

މިދިޔަ ހުކުރު ދުވަހު ޤަވާއިދާއި ހިލާފަށް މަސްވެރިކަންކުރަމުންދަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލަންކާގެ 7 ބޯޓެކެވެ. މި ބޯޓްތައް އަތުލައިގަތީ ދިވެހި މަސްވެރިންތަކެއް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. މިބޯޓްތައް އަތުލައިގެން އިރު މީގެތެރެއިން ދެ ބޯޓުން މަސްވެރިކަން ކުރަމުންދިޔައީ ދާ އަޅައިގެންކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ބޯޓްތައް ކޯސްޓް ގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭ ސިޓީގެ އިރުން 175 މޭލު ބޭރުންކަމަށާއި މި ބޯޓްތައް މާލެ ގެނެސްފައިވަނީ ރޭ ފަތިހުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިބޯޓްތަކުގައި ތިބީ ކިހާ ބައެއްކަމެއް އަދި ކިހާ މަހެއް ބާނާފައި ހުރިކަމެއް ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ އަންނަނީ ތަހުޤީގުކުރަމުންނެވެ.