ވިޔަފާރި

ޗައިނާއާއެކު އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުއްމީދު އަދިވެސް އެބައޮތް - އެމެރިކާ


މިއަހަރު ނިމުމުގެ ކުރިން ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަވުމަކާ ހަމައަށް އާދެވިދާނެކަމުގެ އުއްމީދު އަދިވެސް އެބައޮތްކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރޮބަޓް އޯ ބްރައިން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޗައިނާއާއި އެމެރިކާއާ ދެމެދު އިނީޝިއަލް ޓްރޭޑް އެގްރީމަންޓެއް ޤާއިމްކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށެވެ. ނަމަވެސް ހޮންގކޮންގގައި ހިނގަމުންދާ ކަންކަމާމެދު އެމެރިކާއިން އަޅާނުލާ ނުތިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މިހެން ވިދާޅުވެފައި މިވަނީ، ހޮންގކޮންގގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށށް ތަޖުރިބާކާރުން ބުނެފައިވަނިކޮށެވެ.

އެމެރިކާ އޮފިޝަލް ވިދާޅުވީ ހޮންގކޮންގައި ކުރިއަށްދާ ޑިސްޓްރިކްޓް އިންތިޚާބު ސުލްހަވެރިކަމާއެކު ކުރިއަށްދިއުމަށް އުއްމީދުކުރާކަމަށެވެ. އަދި އެ އިންތިޚާބު ސުލްހަވެރިކަމާއެކު ކުރިއަށްދިއުމަކީ ވިޔަފާރީގެ އެއްބަސްވުމަށް ހެޔޮ ފާލެއްކަމަށް އެމެރިކާގެ އޮފިޝަލް ވިދާޅުވިއެވެ.
އެމެރިކާއާއި ޗައިނާއިން ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް މަސައްކަތްކުރާއިރު، ޖަޕާނުގައި ކުރިއަށްދާ ޖީ20 ސަމިޓުގެ ތެރެއިން ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި އެޤައުމުގެ އެންމެ އިސް ޑިޕްލޮމެޓް ވަންގ ޔީ ވަނީ ދުނިޔޭގެ ހަމަޖެހުން ނަގާލުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެމެރިކާއިންކަމަށް ތުހުމަތުކޮށްފައެވެ. އަދި އެޤައުމުގެ ވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޗައިނާގެ އަގު ވައްޓާލުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ވަންގ ޔީ ވިދާޅުވީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ.

އެމެރިކާއާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރަމުންދާއިރު، އެ ދެ ޤައުމުންވެސް ދަނީ 16 މަހެއްހާ ދުވަސްވެފައިވާ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްވެސް މަސައްކަތްކުރަމުންނެވެ.