ޚަބަރު

ރާއްޖެއަށް އެތެރެކުރި 5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


ވައިގެ މަގުން ރާއްޖެއެތެރެވި ބްރެޒިލްގެ ދެ މީހެއްގެ އަތުން 1.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ މި ދެމީހުންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ ދިރުވާލައިގެން ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެންކަމަށެވެ.

މި ދެމީހުން ތެރެއިން އެކަކީ މިދިޔަ މަހުގެ 6 ވަނަދުވަހު ރާއްޖެއައި އުމުރުން 42 އަހަރުގެ ފިރިހެންނެކެވެ. މިމީހާގެ ހަށިގަޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ބެލިބެލުމުން އޭނާގެ ހަށިގަނޑުގައި ފޮރުވާހުރި މަސްތުވާތަކެތީގެ ބަރުދަން 832.7 ގުރާމް އަރާކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ. އަދި މިމީހާ ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ކޮކެއިންކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ދެވަނަ މީހާ އަތުލައިގަތީ މިދިޔަ މަހުގެ 25 ވަނަދުވަހު ކަމަށެވެ. މިމިހާގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 765.5 ގްރާމް ހުރިކަމަށާއި އެއީވެސް ކޮކެއިންކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ.

މި ދެމީހުން އަތުން އަތުލައިތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސުން ވިދާޅުވެއެވެ. މި މައްސަލަގައި ހިމެނޭ ދެ މީހުން ފުލުހުންނާއި ހަވާލުކޮށް އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ.

ދާދިފަހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޯޓެއް ހިފަހައްޓާ އޭގައި ތިބި މީހުންވަނީ ހައްޔަރުކޮށްފައެވެ.