ވިޔަފާރި

"ފަންނު އެކްސްޕޯ" ރަސްމީކޮށް ފަށައިފި


ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" ރަސްމީކޮށްފަށައިފިއެވެ. މިއެކްސްޕޯ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ފަންނު އެކްސްޕޯއަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ އެކްސްޕޯއެކެވެ.

ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާދަކުރުމުގެ ބައިން އެކިއެކި ވަނަތަށް ހޯދި ފަރާތްތަކަށް ވަނީ އިނާމުދީފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ މުޅި އެކްސްޕޯއިން އެންމެ މޮޅު 5 ފަރާތެއް ހޮވައި ރަންވަނަ އެވޯޑް ދިނުމެވެ. ރަންވަނައަށް ހޮވުނު 5 ފަރާތަކީ އައިމިނަތު ހުޝާމަތު، އަބްދުލް އަޒީޒް އަބްދުލް ރަހީމް، އައިމިނަތު މަނިކެ، ޝެހެނާޒް އަޙްމަދު ރިޒާ އަދި މުއިއްޒު ޝަފީއުއެވެ.

ފަންނު އެކްސްޕޯގައި 6 ދާއިރާ މައިގަނޑު 14 ގިންތިއަކަށް ބަހާލާފައިވާއިރު، މުޅި ޖުމްލަ 78 ގިންތިން ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. މިދާއިރާތަކުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ މި ރަސްމިއްޔާތުގައި އިނާމު ހަވާލުކޮށްފައެވެ.

ފަންނު އެކްސްޕޯގައި 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އެކްސްޕޯއަށް 3800 އަށްވުރެ ގިނަ އުފެއްދުން ވަނީ ހުށައަޅާފައެވެ.

ފަންނު އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 22އިން 28ގެ ނިޔަލަށެވެ. ނެތެމުންދާ ދިވެހި އުފެއްދުންތަކާއި މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް މި އެކްސްޕޯގެ ތެރެއިން ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.