ޚަބަރު

ސްރީ ލަންކާގެ ރައީސްކަމާއި ބޮޑުވަޒީރުކަން އެއްބަނޑު އެއްބަފާ ދެބެއިންގެ ބާރުގެ ދަށަށް!


ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމާއެކު ސްރީ ލަންކާގެ ސަރުކާރާއި ދަޢުލަތުގެ އެންމެ ބާރުގަދަ ދެ މަޤާމު އެއްބަނޑު އެއްބަފާ ދެބެއިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. ސްރީ ލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެން ވަގުތީ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް މަހިންދަ ރާޖަޕަކްސައަށް ހުވާލައިދެއްވީ ކޮއްކޯފުޅު އަދި ސްރީ ލަންކާގެ އައު ރައީސް ގޮތަބަޔާ ރާޖަޕަކްސައެވެ. މިއީ ސްރީ ލަންކާގެ ތާރީޚުގައިވެސް ރައީސްކަމާއި ބޮޑުވަޒީރުކަން އެއްބަނޑު އެއްބަފާ ދެބެއިން ކުރައްވާ ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ ސްރީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕަލާ ސިރިސޭނާއާ މަޤާމުން އިސްތިޢުފާދެއްވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ސްރީ ލަންކާގެ ސިޔާސީ މަޝްރަޙުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ގިނަ ޢަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާޖަޕަކްސަގެ ޢާއިލާއަކީ ސްރީ ލަންކާގެ ސިޔާސީ މަޝްރަޙުގައި މަޝްހޫރު އަދި ނުފޫޒުގަދަ ޢާއިލާއެކެވެ. އެ ދެބެއިންގެ އަވަހާރަވެފައިވާ ބައްޕާފުޅު ޑީއޭ ރާޖަޕަކްސައަކީ އިނގިރޭސި އިސްތިޢުމާރުން ސްރީ ލަންކާއަށް މިނިވަންކަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ވަޠަނީ ޝަޚްސިއްޔަތެކެވެ. މަހިންދަ ރާޖަޕަކްސައަކީ ކުރިން ސްރީ ލަންކާގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާފައިވާ ޝަޚްސިއްޔަތެކެވެ. އަދި ރައީސް ގޮތަބަޔާއަކީ ސްރީ ލަންކާގެ ދިފާޢީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެ ދެބެއިންގެ ބޭބެ ޗަމަލް ރާޖަޕަކްސައަކީ މަޖިލީހުގެ ރައީސްކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ރާޖަޕަކްސަގެ ޢާއިލާއިން އުފައްދާފައިވާ ސިޔާސީ ޕާޓީއަކީ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއެވެ. މިހާރު ސްރީ ލަންކާގެ ސިޔާސީ މަޝްރަޙު އޮތްގޮތުން ގޮތަބަޔާ، މަހިންދަ އަދި ޗަމަލް ރާޖަޕަކްސަ އިސްކޮށް ތިއްބަވައިގެން ހިންގަވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑެވެ. އެ ޕާޓީން މަޖިލީސް އިންތިޚާބު ކާމިޔާބުކޮށްފިނަމަ ސްރީ ލަންކާގެ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަންނަވާނެކަމަށް ބެލެވިފައިވަނީ ގޮތަބަޔާއާއި މަހިންދަގެ ބޭބެފުޅު ޗަމަލް ރާޖަޕަކްސައެވެ.

މަހިންދަ ރާޖަޕަކްސަގެ ބޮޑުވަޒީރުކަމުގައި ސްރީ ލަންކާގައި އެކުލަވާލުމަށް ހަމަޖެހިފައިވަނީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރު ދެމި އޮންނާނީ އަންނަ އަހަރު ކުރީކޮޅު މަޖިލީސް އިންތިޚާބެއް ބާއްވައިގެން ސްރީ ލަންކާގައި އައު މަޖިލީހެއް އެކުލަވާލެވެންދެންނެވެ. އިންތިޚާބު ބާއްވާނެ ތާރީޚެއް ރަސްމީގޮތުން އަދި އިޢުލާނުކޮށްފައި ނުވިނަމަވެސް އަންނަ އެޕްރީލްމަހުގެ ކުރީ ހަފުތާގައި އިންތިޚާބު ބާއްވާނެކަމަށްވަނީ ބެލެވިފައެވެ.

މަހިންދަ ރާޖަޕަކްސަގެ ބޮޑުވަޒީރުކަމުގައި އެކުލަވާލާ ވަގުތީ ސަރުކާރުގައި ހިމެނޭނީ 15 ވަޒީރުންނެވެ. ވަޒީރުން ކަނޑައަޅާނީ ރާޖަޕަކްސަގެ ޕޮޑުޖަނާ ޕެރުމުނާ ޕާޓީގެ މެންބަރުންގެ ތެރެއިންކަމަށްވާއިރު ވަޒީރުންގެ ގޮތުގައި ޢައްޔަނުކުރާނެ ބޭފުޅުން މިހާރު އިޚްތިޔާރުކޮށްފައިވާކަމަށާ ދާދި އަވަހަށް އެ ބޭފުޅުންގެ ނަންތައް އިޢުލާންކޮށް ކެބިނެޓްގެ މަޤާމުތަކަށް އަޢްޔަނުކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.