އަންހެނުންކުރާ ވަޑާމުގެ މަސައްކަތުން ޢާމްދަނީ ހޯދުމަށް މަސައްކަތްކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް މިމަސައްކަތްނެރެ މާކެޓު ހޯދުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. އަދި މިކަމުގައި ބޭނުންވާނެ އެންމެހައި އެހީތެރިކަމެއް އެމިނިސްޓްރީން ކޮށްދެއްވާނެކަމުގެ ޔާޤީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެމްއައިޓީން ކުރިއަށްގެންދިޔަ ވުމަންސް ސްކިލްސް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވީ ވަޑާމުގެ މަސައްކަތުގައި އަންހެނުން އުޅޭ ނިސްބަތް މަދުވުމަކީ މިދާއިރާއިން ވިޔަފާރިތައް އުފައްދާ އަންހެނުނަށް އޮންނަ ގޮންޖެހުމަކަށް ވީނަމަވެސް އެކަން މިހާރު ކުރަންޖެހިފައިވާކަމަށެވެ.
އަދި ސެޓްފިކެޓް ލިބޭ ހިސާބުން މިމަސައްކަތް ދޫކޮށް ނުލައި މިއީ ޢާމްދަނީ ލިބޭފަދަ ވިޔަފާރިއަކަށް ހެދުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެބޮޑު އިންޑަސްޓްރީ ފަތުރުވެރިކަމުގެ ދާއިރާއިންވެސް މިވިޔަފާރިއަށް މާކެޓު ހޯދުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ. ޖެންޑަރ މިނިސްޓަރ ވިދާޅުވީ ވަޑާމުގެ މަސައްކަތަކީ މުޅި ދުނިޔެގައިވެސް ފިރިހެނުންނަށް ޚާއްސަ މަސައްކަތެއްގެގޮތުގައި ޤަބޫލުކުރެވިފައި އޮންނަ މަސައްކަތެއްކަމަށެވެ. އަދި ކުޑަކުޑަ ދިވެހި ރާއްޖެއިން އެފަރަގު ކުޑަކޮށް މިފަދަ މަސައްކަތްތައްވެސް އަންހެނުންނަށް ކުރެވޭނެކަން ދައްކަމުންދާކަމީ ފަޚުރުވެރިވާކަމެއްކަމަށެވެ.
މިކޯހުގައި 24 ފަރާތަކުން ބައިވެރިވެ ސެޓްފިކެޓް ޙާސިލްކޮށްފައިވެއެވެ 7 ފަރާތަކުންވަނީ ފެބްރިކް ޕެއިންޓިންއިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައެވެ. މިފަރާތްތަކަށް ކޯހުގައި ކިޔަވައިދެއްވި ޙޫދު ޢަބްދުއްރަޙީމް ވިދާޅުވީ އަންހެނުންނަށް މިފަދަ މަސައްކަތެއް ކުރެވިދާނެކަމާމެދު ކުރިން ސުވާލު އުފެދުނުނަމަވެސް ދަސްކުރުމުގެ ހުނަރާއި ޝައުގު މިކޯސް ފުރިހަމަ ކުރިދަރިވަރުންގެ ފަރާތުން ވަރަށް ބޮޑަށް ފެނިގެންގޮސްފައިވާކަމަށެވެ.
ކޯހުގައި ބައިވެރިވެ ދަސްވެނިވި ބައެއް ފަރާތްތަކުންވަނީ ކުރިއަށް އޮތްތަނުގައި ބޭނުން ހިފޭނެ މުހިންމު މަސައްކަތެއް ދަސްވީތީ އެކަމުގެ ޝުޢޫރު ޕީއެސްއެމްނިއުސްއާ ޙިއްސާކޮށްފައެވެ.
އެމްއައިޓީން އިންތިޒާމުކޮށްގެން އެއްމަސްދުވަހުގެ މުއްދަތަކަށް މިކޯސް ކުރިއަށްގެންދިޔަ މިއީ ދެނަވަ ފަހަރެވެ. މިކޯހުގައި ބައިވެރިވުމުގެ ޝައުޤު ގިނަ ފަރާތްތަކަކުން ފާޅުކުރަމުންދާކަމަށް ކޯސް އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.