ޚަބަރު

އިދްލިބްގައި ދިން ވަރުގަދަ ޙަމަލާއެއްގައި 15 މީހުން މަރުވެއްޖެ


ސޫރިޔާގެ އުތުރުގެ ސަރަޙައްދެއްކަމަށްވާ އިދްލިބްގައި ހުންނަ އެ ޤައުމުގެ ޙާލުގައި ޖެހިގެން އުޅެމުންދާ މީހުން އުޅޭ ކޭމްޕަކަށް ސަރުކާރަށް ވާގިދޭ އަސްކަރީ ބާރުތަކުން ދިން ޙަމަލާއެއްގައި 15 މީހުން މަރުވެއްޖެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ މި ޙާދިސާގައި ގިނަބަޔަކު ޒަޚަމްވެފައިވާކަމަށެވެ.

ސޫރިޔާގައި އިންސާނީ އެހީ ދިނުމަށް މަސައްކަތްކުރާ ޖަމާޢަތެއްކަމަށްވާ ސީރިއަން ސިވިލް ޑިފެންސްއިން ބުނެފައިވަނީ އިދްލިބްގެ އުތުރުގައި އޮންނަ ކާހްގައި ހުންނަ ރެފިއުޖީން އުޅޭ ކޭމްޕަށް ޙަމަލާ ދީފައިވަނީ އެއްގަމު މަގުން ފޮނުވާލާ މިސައިލްތައް ބޭނުންކޮށްގެންކަމަށެވެ. ސޫރިޔާގެ ހަނގުރާމަ ގާތުން ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސުން ބުނެފައިވަނީ ކާހްގައި ހުންނަ މާބަނޑު އަންހެނުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށްވެސް ޙަމަލާތައް އަމާޒުވެފައިވާކަމަށެވެ. މި ޙަމަލާގައި ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ޒަޚަމްވިއިރު ހޮސްޕިޓަލަށްވެސް ގެއްލުންތައް ލިބުނުކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ސޫރިޔާގެ ސަރުކާރަށް ވާގިދޭ އަސްކަރީ ފައުޖުތަކާ ސޫރިޔާގައި ޙަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ ބާރުތަކުން ދަނީ ސޫރިޔާގެ އިދްލިބްއަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގައި ޢާއްމުންގެ އެތައްސަތޭކަ ބަޔަކު މަރުވެ އެތައްހާސް ބަޔަކުވަނީ މިހާތަނަށް ޒަޚަމްވެފައެވެ.

އިދްލިބަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން އެ ޤައުމުގައި ކޮންޓްރޯލް ކުރާ އެންމެ ފަހު ސަރަޙައްދެވެ.