ޚަބަރު

ގޮތަބަޔާގެ ބޮޑުވަޒީރަކަށް ބޭބެ މަހިންދަ ހަމަޖައްސަވައިފި


މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޮތަބަޔާ ރާޖަޕަކްސާގެ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އޭނާގެ ބޭބެ އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖައްސަވައިފިއެވެ.

ގޮތަބަޔާ ރައީސްކަމުގެ ހުވާކުރައްވާފައިވާއިރު އޭނާގެ ސަރުކާރުގެ ބޮޑުވަޒީރުކަމަށް ހަމަޖައްސަވާފައިވަނީ ކުރީގެ ރައީސް އަދި ބޭބެ މަހިންދާ ރާޖަޕަކްސާކަންވަނީ އިޢުލާނުކޮށްފައެވެ. ގޮތަބަޔާގެ އޮފީހުން ބުނެފައިވަނީ މަހިންދާ މަޤާމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތިދުވަހު ކަމަށެވެ. އަދި އޭނާ މަޤާމުގެ ހުވާކުރައްވާނީ ކޮއްކޮ ގޮތަބަޔާގެ ކުރިމަތީކަމަށްވެސް ސްރީ ލަންކާގެ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.

މަޤާމުގެ ހުވާކުރެއްވުމަށްފަހު މަހިންދާ ވަޒީރުންގެ މަޖިލީސް އިޢުލާނުކުރައްވާނެކަމަށްވެސް ގޮތަބަޔާގެ އޮފީހުން ވަނީ ބުނެފައެވެ. މަހިންދާ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް ހަމަޖައްސަވާފައި މިވަނީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަކްސިންހަ މަޤާމުން އިސްތިޢުފާދެއްވުމާ ގުޅިގެންނެވެ. ވިކްރަމަސިންހަ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވީ ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހު މިކަން ރަސްމީކޮށް އިޢުލާނުކުރައްވާ ވިކްރަމަސިންގްހް ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އިއްތިޙާދަށް ލިބުނު ނަމަވެސް ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި ގޮތަބަޔާއަށް ފުރިހަމަ ކާމިޔާބީ ލިބިވަޑައިގެންފައިވާކަން ޤަބޫލުކުރައްވާކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ކުރީގެ ދިފާޢީވަޒީރު އަދި އިދިކޮޅު ކެނޑިޑޭޓް ގޮތަބަޔާ ރާޖަޕަކްސާއަށް 6.9 މިލިއަން ވޯޓު ލިބިވަޑައިގެންނެވިކަމަށް އިންތިޚާބާ ބެހޭ އިދާރާއިންވަނީ ބުނެފައެވެ. މިއީ ވޯޓުލީ މީހުންގެ %52.25ކަމަށް އިންތިޚާބާ ބެހޭ އިދާރާއިންވަނީ ބުނެފައެވެ.

ރާޖަޕަކްސާއަށް އެންމެ ގާތުން ވާދަކުރެއްވި ވެރިކަންކުރާ އިއްތިޙާދުގެ ކެނޑިޑޭޓް ސަޖިތް ޕްރެމަދޭސާއަށް ލިބިވަޑައިގެންނެވީ 5.5 މިލިއަން ވޯޓުކަމަށާ މިއީ %41.99 ވޯޓު ކަމަށްވެސް އިންތިޚާބާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.