ކުޅިވަރު

އޭޝިއާ ސާފިން މުބާރާތުން ތިންވަނަ އިބޫއަށް، ހަތަރުވަނަ ސްމައިލީއަށް


އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) އަށް ތިން ވަނަ ހޯދިއިރު އިސްމާއިލް ރަޝީދު (ސްމައިލީ) ހަތަރު ވަނަ ހޯދައިފިއެވެ.

މި މަހު 17 ވަނަ ދުވަހު ފެށި މި މުބާރާތުގައި އިބޫ އާއި ސްމައިލީ ކުއާޓަރއަށް ދަތުރުކުރީ ވާދަކުރި ހީޓުން އެއްވަނަ ހޯދައިގެންނެވެ.

އިބޫ އަދި ސްމައިލީ ފައިނަލަށް ދަތުރުކުރީ ސްރީލަންކާއާއި ޖަޕާނުގެ ރާޅާއެޅުންތެރިން ބަލިކުރުމަށްފަހުއެވެ. ފައިނަލުގައި 4 ރާޅާއެޅުންތެރިން ވާދަކޮށްފައިވާއިރު، ފައިނަލުގައި އިބޫއާއި ސްމައިލީގެ އިތުރުން ދެން ވާދަކުރީ ޖަޕާނުގެ ދެ ރާޅާއެޅުންތެރިންނެވެ.

ސެމީގައި އިބޫ ނުކުތީ ޖަޕާނާއި، ސްރީލަންކާއާއި، ޗައިނާގެ ރާޅާއެޅުންތެރިންނާ ދެކޮޅަށެވެ. އަދި ސްމައިލީވެސް ސެމީގައި ނުކުތީ ޖަޕާނާއި،ސްރީލަންކާއާއި، ޗައިނާގެ ރާޅާއެޅުންތެރިންނާ ދެކޮޅަށެވެ. މުބާރާތުގައި ވާދަކުރުމަށް އިބޫ އާއި ސްމައިލީގެ އިރުތުން އަހްމަދު އާގިލްވެސް ޗައިނާއަށް ދިޔައެވެ. ޓީމު މެނޭޖަރެއްގެ ގޮތުގައި އިބްރާހިމް ނަޝާލް ނާސިރު ދިޔައިރު، ޓީމުގެ ކެޕްޓަނަކީ އިބޫއެވެ.

ރާއްޖޭގެ ސާރފިން ޓީމުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ޖަޕާނުގައި ބޭއްވި ވޯލްޑް ސަރފިން ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން އެ މުބާރާތުގައި ސްމައިލީ ވަނީ މޮޅެތި ރާޅާއެޅުންތެރިން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.