ޚަބަރު

ބޮޑުޗުއްޓީއާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި


ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ގޮތުން "އޮޕަރޭޝަން ނިޔާމަ" ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑުޗުއްޓީގައި ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގައި ޕަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އުފުލާތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެކަމަށެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މާލޭގެ އިތުރުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް މި އޮޕަރޭޝަން ކުރިއަށްގެންދާއިރު، މާލެއާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތަކާއި ކަނޑުމަތިންވެސް ބައެއް އުޅަނދުތައް ޗެކްކުރަމުން ގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.