ޚަބަރު

ފަނޑިޔާރު ޢަރީފު ރިޓަޔަރކުރައްވައި ސްޕްރީމްކޯޓު ހިންގެވުން އަޒްމިރަލްދާއާ ޙަވާލުކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފު ރިޓަޔަރކުރައްވައި ސްޕްރީމްކޯޓު ހިންގެވުން ފަނޑިޔާރު ޑރ.އަޒަމިރަލްދާ ޒާހިރާ ޙަވާލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފު ރިޓަޔަރކުރެއްވީ ސިއްޙީ ހާލަތު ހުރިގޮތުން ވަޒީފާއިން މުސްކުޅިކޮށްދިނުމަށް އެދިވަޑައިގެންފައިވާތީ، އެފަނޑިޔާރު ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުމަށް ކޮމިޝަނުން މިއަދު ނިންމަވާފައިވަކަމަށެވެ.

އަދި ފަނޑިޔާރު ޢަބްދުﷲ ޢަރީފު ވަޒީފާއިން މުސްކުޅިކުރުމަށް ނިންމެވިއިރު، އެމަނިކުފާނު ހުންނެވީ ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެންކަމަށްވާތީ، މިއަދުންފެށިގެން ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާ ޙަވާލުކުރުމަށް ނިންމަވާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެއިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދުއާ ބެހޭގޮތުން އެކޮމިޝަނުން ތަހްޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، އެފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ފަނޑިޔާރު ކުރައްވާފައިވާކަމަށް ތަޙުޤީޤު ކޮމެޓީއަށް ފެންނަކަމަށްވެސް ވަނީ ނިންމަވާފައެވެ.

އެގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖޭއެސްސީންވަނީ ނިންމަވާފައެވެ.

އަދި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދުއާ ބެހޭ ގޮތުން އެކޮމިޝަންއިން ތަޤްޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭކަމަށް ޖޭއެސްސީއަށް ފެންނާތީ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަސްދޮޅަސް ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް އެކޮމިޝަނުންވަނީ ނިންމަވާފައެވެ.