ޚަބަރު

އެންމެ ބޮޑު އިސްކަމެއްދޭނީ ސްރީ ލަންކާގެ ޤައުމީ ސަލާމަތަށް: ގޮތަބަޔާ


ވެރިކަންކުރައްވާއިރު އެންމެ ބޮޑު އިސްކަމެއްދެއްވާނީ ސްރީ ލަންކާގެ ޤައުމީ ސަލާމަތަށްކަމަށް އެ ޤައުމުގެ އައު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީލ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ގޮތަބަޔާ ރާޖަޕަކްސަ ކާމިޔާބުކުރައްވާފައިވަނީ ވޯޓުލީ މީހުންގެ %52.3 ހޯއްދަވައިގެންނެވެ. 35 ކެނޑިޑޭޓުން ވާދަކުރި އެ އިންތިޚާބުގައި ގޮތަބަޔާއާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގެންނެވީ %48.8 ވޯޓެވެ.

އަނޫރާދަޕޫރާގައިވާ ޤަދީމީ ފައްޅިއެއްގައި މަޤާމުގެ ހުވާކުރެއްވިއިރު، ހުވާލައިދެއްވާފައިވަނީ ސްރީ ލަންކާގެ އުއްތަމަފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާއެވެ. ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި ގޮތަބަޔާ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދެއްވާނީ ޤައުމީ ސަލާމަތަށްކަމަށާ މިއާއެކު ސްރީ ލަންކާގެ ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުންގެ މެދުގައި ހަމަޖެހުން ޤާއިމުކޮށް ވަކި ކޮޅަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތެއްވެސް ގެންގުޅުއްވާނެކަމަށްވެސް ގޮތަބަޔާ ވިދާޅުވިއެވެ. ސްރީ ލަންކާގެ ޤައުމީ ސަލާމަތަށް އިސްކަމެއްދެއްވާނެކަމަށް ވިދާޅުވެފައިވާއިރު ސްރީ ލަންކާގެ ވަކި ނަސްލަކަށް އަދި ދީނަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތްކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އައު ރައީސް ގޮތަބަޔާ ދެއްވާފައިވެއެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައިވެސް ގޮތަބަޔާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމީ ސަލާމަތަށާ އެކަމާ ގުޅުންހުރި މައްސައްލަތަކަށެވެ. މިގޮތުން ސްރީ ލަންކާގެ ޖާސޫސީ އިދާރާ ވަރުގަދަކޮށް ޤައުމީ ސަލާމަތާބެހޭ މަޢުލޫމާތު ދުރާލައި ހޯދުމުގެ ޤާބިލްކަން ޖާސޫސީ އިދާރާގައި އިތުރުކޮށް އެ އިދާރާގެ މަސައްކަތްތައް ހަރުދަނާކުރާނެކަމަށް ރިޔާސީ ކޭންޕޭން އެއްވުންތަކުގައި ގޮތަބަޔާ ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ގޮތަބަޔާ މިހާބޮޑަށް ސްރީ ލަންކާގެ ދާޚިލީ އަމަނަށާއި ޤައުމީ ސަލާމަތާ ގުޅޭކަންކަމަށް އިސްކަންދިނުމަށް ނިންމަވާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 21ވަނަ ދުވަހު ކޮލޮންބޯގެ ބައެއް ފައްޅިތަކަށާއި ލަގްޒަރީ ބައެއް ހޮޓާތަކަށްދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި 259 މީހުން މަރުވެފައިވާއިރު އެ ޙަމަލާތައް ދޭންއުޅޭކަމުގެ މަޢުލޫމާތު ދުރާލައި ދެނެގަތުމުގައި ސްރީ ލަންކާގެ ޖާސޫސީ އިދާރާވަނީ ނާކާމިޔާބުވެފައެވެ. އެކަމާ ބެހޭ މަޢުލޫމާތު ސްރީލ ަންކާ ސަރުކާރާ ޙިއްސާކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ.

ޤައުމީ ސަލާމަތަށްފަހު ދެން އެންމެ ބޮޑުއިސްކަމެއް ދެއްވާނެކަމަށް ގޮތަބަޔާ ވިދާޅުވެފައިވަނީ ސްރީ ލަންކާގެ ހީނަރުވެފައިވާ އިޤްތިޞާދު އަލުންނަގައި ކޮޅަށްޖެހުމަށާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްވުރެ ހަލުއިކަމާއެކު ގެންދިޔުމަށެވެ.