ޚަބަރު

ނިއު ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މައްސަލައަށް ބޮޑު ލުއިކަމެއް ލިބިއްޖެ


އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖައްވުގައި އުފެދިފައިވާ ދުމުގެ ވިލާގަނޑު ތުނިވެ، ވައި ތަޣައްޔަރުވެފައިވާ މައްސަލައަށް ބޮޑު ލުއިކަމެއް ލިބިއްޖެއެވެ. ނިއު ދިއްލީގެ ރައްޔިތުން ބުނީ އެ ސިޓީގެ ޖައްވު ވަރަށް ބޮޑަށް ސާފުވެ، ވައިގެ ކޮލިޓީ މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމުގެ އިޙްސާސްކުރެވޭކަމަށެވެ.

ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެ ސިޓީގެ ވައިގެ ކޮލިޓީ އަންގާރަ ދުވަހު ހުރީ 196ގައިކަމަށެވެ. ވައިގެ ކޮލިޓީ 60އަށްވުރެ މައްޗަށް ދިޔުމަކީ ސިއްޙަތަށް ނުރައްކާވާނެ ކަމެއްކަމުން އަދިވެސް ވައި ތަޣައްޔަރުވުމުގެ މައްސަލަ އެއްކޮށް ޙައްލުވެފައެއްނުވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ނިއު ދިއްލީގެ ވައިގެ ކޮލިޓީގެ މިންވަރު 500އަށް މައްޗަށްގޮސްފައިވާތީ މިހާރު އެ މިންވަރު 196އަކަށް ތިރިވުމަކީ ނިއު ދިއްލީގެ ޖައްވުގައި އުފެދިފައިވާ ދުމުގެ ވިލާގަނޑު ތުނިވެ، ވައި ސާފުވާން ފަށާފައިވާ ކަމުގެ ހެއްކެތްކަމަށްވަނީ ބެލެވިފައެވެ.

އެހެންކަމުން ކުރިން ކުރިމަތިވި ކެއްސުމާއި ލޯ ހިރުވުމާއި ކަރުތެރޭގައި އިންފެކްޝަން އުފެދުންފަދަ ކަންކަން މިހާރު ކުރިމަތިނުވާކަމަށް ނިއު ދިއްލީގެ އާންމުންނާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ. މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ނިއު ދިއްލީއަށް ދުމުގެ މައްސަލަ ކުރިމަތިވެ އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވީ އަވަށްޓެރި ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގެ ހުއިތައް އެންދުމަށް ރޯކުރި އަލިފާނުގެ ސަބަބުންކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.