ވިޔަފާރި

މަރާމާތަށްފަހު ގިލިލަންކަންފުށި އަންނަމަހު ހުޅުވަނީ


މަރާމާތުކުރުމަށް ބަންދުކޮށްފައި އޮތުމަށްފަހު އަންނަމަހުގެ 1 ވަނަ ދުވަހު ގިލިލަންކަންފުށި ރިސޯޓް ހުޅުވާނެކަމަށް އެ ރިސޯޓުން ބުނެފިއެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭ އެ ރިސޯޓުގައި ހިންގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މަރާމާތުކުރުމަށް ބަންދުކޮށްފައި އޮންނަތާ މިހާރު ވަނީ ދުވަސްކޮޅެއްވެފައެވެ. މި ހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތަކެއްވެ ރިސޯޓުގެ 7 މޫދު ކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ.

މިރިސޯޓުގައި 84 ވިލާއާއެކު 2 ބިއުޓީ ސެލޫނާއި ޖިމަކާއި ކުޑަކުދިންނަށް ޚާއްސަ ސްވިމިންގ ޕޫލަކާއި އިތުރު ދެ ސްވިމިންގ ޕޫލެއް ހުރެއެވެ.

މީގެ އިތުރުން ވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ކުޅިވަރު ކޯޓުތަކާއި ޕޫލް ރޫމަކާއި ގޭމް ރޫމެއްގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަ ލައިބްރަރީއެއް ވެސް މިރިސޯޓުގައި ވަނީ ތަރައްޤީ ކޮށްފައެވެ. އެހެންނަމަވެސް މަރާމާތަށްފަހު ރިސޯޓަށް ގެންނާނެ ބަދަލުތަކެއްގެ ވާހަކަ ރިސޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ގިލިލަންކަންފުށްޓަކީ ކުރިން ސޮނޭވާ ގިލީގެ ނަމުގައި ހިންގި ރިސޯޓެކެވެ. ނަމަވެސް 2012 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ 'ހޮޓެލް ޕްރޮޕަޓީސްއިން ވަނީ' މި ރިސޯޓު ގަނެ ގިލި ލަންކަންފުށީގެ ނަމަށް ބަދަލުކޮށް ރިސޯޓު ހިންގަން ފަށާފައެވެ.