ޚަބަރު

ނުދަންނަ ބޭރު ނަމްބަރުތަކުން ކުރާ މެސެޖްތަކަށް ނަމަނަމަ ނުގުޅާތި


ނުދަންނަ ބޭރު ގައުމުތަކުގެ މެސެޖްކޮށް ގުޅަން ބުނާ ނަމްބަރުތަކަށް ނުގުޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ ރާއްޖެއިން ބޭރުގެ ބައެއް ނަމްބަރުތަކުން ގުޅާދިނުމަށް އެދި މެސެޖްތައް ކުރަމުން އަންނަކަމަށެވެ. އަދި މި މެސެޖް ގިނަ ބަޔަކަށް ފޮނުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ބޭރުގެ ނަމްބަރުތަކުން ބައެއް ފޯންތަކަށް ފޮނުވަމުން އަންނަ މެސެޖްގައި ބުނެފައިވަނީ ވަރަށް އާޖެންޓްކޮށް ގުޅާލަން ބޭނުންވާތީ އަވަހަށް ގުޅާދިނުމަށް އާދޭހާއި އެކު އެދިފައިވެއެވެ.

ފުލުހުން ވިދާޅުވީ މި ފަދަ މެސެޖްތަކަކީ ގަސްތުގައި ގެއްލުމެއް ދިނުމަށް ކުރާ މެސެޖްތަކަކަށްވުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި މިއީ މިފަދަ ވަގުކޯލްތައް ނުވަތަ މެސެޖްތައް ކުރުމަށް ބޭނުންކުރާ ސިމްބޮކްސް ނަމަކަށް ކިޔާ ސެޓަޕެއް މެދުވެރިކޮށް ކުރާ މަކަރާއި ހީލަތުގެ މެސެޖްތަކެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މެސެޖްގައިވާ ނަމްބަރުތަކަށް ގުޅުމުން ޕްރީޕެއިޑް ފޯނެއްނަމަށް ކިތަންމެ ގިނަ އަދަދަކަށް ބެލެންސްގައި ފައިސާ ހުރި ނަމަވެސް އެ ފައިސާ އެއްކޮށް ހުސްކޮށްލައެވެ. އަދި ޕޯސްޓް ޕެއިޑްއެއް ނަމަ ފޯން ބިލަށް އަރާ ވަރު ދެގުނައަށް އިތުރުވެގެންދެއެވެ.

ފުލުހުން ވިދާޅުވީ މި ފަދަ މެސެޖްތައް އައިސްގެ ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށެވެ. އެހެންކަމުން މި ފަދަ އެއްވެސް މެސެޖަކަށް ޖަވާބުދިނުމުގެ ގޮތުން ގުޅާ ނުވަތަ މެސެޖެއްވެސް ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފަހަކަށް އައިސް ފޯނު މެދުވެރިކޮށް މަކަރާއި ހީލަތުން މީހުންގެ އެކައުންޓްތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިގޮތުން ބޭންކު ކާޑުގައި މައްސަލައެއް ދިމާވެގެންކަމަށް ބުނެ ކުރާ ކޯލްތަކާއި މީޑިއާ ސްޓޭޝަންތަކުން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުންކަމަށް ބުނެ އެކި ފަރާތްތަކާއި ގުޅާ ޒާތީ މައުލޫމާތައި ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދާ ބޮޑެތި އަދަދުން ފައިސާ އަންނަނީ ވަގަށް ނަގަމުންނެވެ.