މުނިފޫހިފިލުވުން

"ތަނާޖީ"ގެ ޓްރެއިލަރވެސް ކާމިޔާބު


އަޖޭގެ އަޖޭ ދޭވްގަންގެ "ތަނާޖީ" ގެ ފުރަތަމަ ޓްރެއިލަރ އާއިއެކުވެސް ފިލްމަށް ކުރާ އިންތިޒާރު ފެނިގެން ހިގައްޖެއެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލަރ އާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް 8.3 މިލިއަން މީހުންވަނީ ބަލާފައެވެ.

"ތަނާޖީ ދި އަންސަންގް ވޮރިއާ " މި ފިލްމު ބިނާކޮށްފައިވަނީ އިންޑިއާގައި ޝިވާޖީ މަހަރާޖްގައި މިލިޓަރީލީޑަރެއްގެ ގޮތުގައި މަޝްހޫރު ތަނާޖީ މަލްސުރޭ ގެ ހަޔާތުގެ މައްޗަށެވެ.

އަޖޭގެ ފިލްމީ ކެރިއަރގެ 100 ވަނަ ފިލްމުގެ ޓްރެއިލަރ އިންޓަނެޓްގައި ދޫކޮށްލުމުން ފޭނުންގެ ތައުރީފު މިހާރުވެސް ވަނީ އޮހެން ފަށާފައެވެ. ގިނަ ބައަކު ބުނަމުން އަންނަނީ ފިލްމުގެ ޓެރެއިލަރ ގައި ނޭވާ ހިފަހައްޓާލަންޖެހޭ އެތައް މަންޒަރުތަކެއް ހުރިކަމަށެވެ. ހާއްސަކޮށް ހަނގުރާމަވެރި މަންޒަރުތައް ވަރަށްވެސް ސަޅިއެވެ.

އޯމް ރައުޓް ޑައިރެކްޓް ކުރާ މި ފިލްމުގައި ލީޑު ރޯލުން އަޖޭ އާއި އެކު ސައިފް އަލީ ހާންވެސް ފެނިގެންދެއެވެ. އަޖޭ ފެނިގެންދާނީ ތަނާޖީގެ ރޯލުންނެވެ. ސައިފް އަލީ ހާން ފެނިގެންދާނީ ރާޖްޕުޓްގެ އޮފިސަރެއްކަމަށް އުދޭބަން ރަތޯޑްގެ ރޯލުންނެވެ.

މި ފިލްމުގެ ޓްރެއިލަރ މިއަދު އާއްމުކޮށްފައިވާއިރު ފިލްމުގެ ތަރިންގެ ކެރެކްޓަރތައް ފެނިގެންދާ ޕޯސްޓަރުތައްވެސް އާދިއްތަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

މި ފިލްމުގައި އަޖޭއާއި އެކު އޭނާގެ އަންހެނުން ކާޖޮލްވެސް ފެނިގެންދާނެއެވެ. މީ މި ދެމަފިރިންގެ ލޯބީގެ މަންޒަރުތަކެއް ސްކްރީނުން ފެނިގެން މިދަނީ އަހަރުތަކަކަށްފަހުއެވެ. ތީރީޑީކޮށް ނެރޭ މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދިހަވަނަ ދުވަހުއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަދުވަހު މި ފިލްމު ރިލީޒްކުރާއިރު ދީޕިކާ ޕަޑުކޯނާއި ކުރިމަތިލުމަކަށް ދާން ޖެހޭނެއެވެ. ސަބަބަކީ ދީޕިކާ ލީޑް ރޯލުން ފެނިގެން "ޗަޕާކް" ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ ހަމަ މި ދުވަސްވަރުއެވެ. އެސިޑް ވިކްޓިމް ލަކްސްމީ އަގަރަވާލް ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރޭ މި ފިލްމަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.