މުނިފޫހިފިލުވުން

ޝާހްރުކްގެ ދަރިފުޅު ސުހާނާގެ ފިލްމް ޕްރިމިއަރ ކޮށްފި


ޝާހުރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ވާހަކަތައް މީޑިއާތަކުގައި ދެެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. އުމުރުން 19 އަހަރުގެ ސުހާނާ އޭނާގެ ބައްޕަގޮތަށް އެކްޓިން ދާއިރާއަށް ނުކުންނަން ހުރީ ބޭނުންވެފައެވެ.

ސުހާނާ ޚާން ފިލްމީ ދާއިރާއަށް ނުކުންނާނެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ. ބޮލީވުޑަށް ސުހާނާ ނުކުންނާނެ ވަގުތެއް ނޭގުނަސް އޭނާގެ ކުރު ފިލްމެއްގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކަށްފަހު މިވަނީ އެ ފިލްމް ޕްރިމިއަރ ކޮށްފައެވެ.

" ދް ގްރޭ ޕާޓް އޮފް ބްލޫ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ދިހަ މިނެޓްގެ މި ކުރު ފިލްމުގައި ސުހާނާގެ އެކްޓީން މޮޅުކަމަށް ބައެއް ފަރާތަކުން އަންނަނީ ބުނަމުންނެވެ.

ޒުވާން ދެ ލޯބިވެރިން ކުރާ ދެ ދުވަހުގެ ދަތުރެއްގައި އެމީހުންގެ ގުޅުމުގައި ދިމާވާ ބައެއް ކަންކަމާއި ކުރިމަތިލާ ގޮތް ދައްކުވާދޭ މި ކުރު ފިލްމް ލިޔެ ޑައިރެކްޓްކޮށްފައިވަނީ ތިއެޑުރޯ ގިމެނޯއެވެ.

މި ފިލްމް ޔޫ ޓިއުބްގައި އާއްމުކުރުމަށްފަހު ފިލްމުގެ ޑައިރެކްޓަރ ބުނެފައިވަނީ މި ޕްރޮޖެކްޓް ނިންމާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލެވުމުން އުފާވާކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެކަމަށާއި މި ފިލްމް ކަމުދާނެކަމަށް އުއްމީދުކުރާކަމަށްވެސް ޑައިރެކްޓަރ ބުނެފައިވެއެވެ.

ސުހާނާގެ އެކްޓީން ބެލުމަށްފަހު ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އާޒްމީވެސް ވަނީ ސުހާނާގެ އެކްޓިންނަށް ތައުރީފުކޮށްފައެވެ. އެގޮތުން ސުހާނާއަކީ މޮޅު އެކްޓަރަކަށް ވާނެކަމަށް ވެސް ޝަބާނާ ބުނެފައިވެއެވެ.

ކޮންމެއަކަސް ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ ދަރިފުޅު ސުހާނާގެ ފުރަތަމަ ފެނިލުމަށް ޝާހުރުކް އެއްޗެއް ބުނާނެ ވަގުތަކަށެވެ.