ޚަބަރު

ސުޕްރީމްކޯޓުގެ އޮޑިޓެއް ޖޭއެސްސީން ހަދަނީ


ސުޕްރީމްކޯޓުގެ ސްޓެރެޓީޖިކް އޮޑިޓެއް ހެދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމްކޯޓްގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިގަމުންދާ ގޮތް ބެލުމަށްޓަކައި އެ ކޯޓްގެ ސްޓެރެޓީޖިކް އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މި އޮޑިޓް ހަދާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިންޓަރނަލް އޮޑިޓް ޔުނިޓުންކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މި އޮޑިޓް ހެދުމަށް ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައެވެ. މީގެއިތުރުން ޖޭއެސްސީން ނިންމި ނިންމުންތަކުގައި 5 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން ކޮމިޝަނުން ބަލަން ނިންމާފައިވަނީ ކ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަބްދުލްލަތީފު ހަމީދާއި ނިލަންދޫ ކޯޓްގެ މެޖިސްޓްރޭޓް އަބްދުލްއަޒީޒު މޫސާއާއި ގއ. ކޮނޑޭ ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާއި ގދ މަޑެވެލި ކޯޓްގެ އިސް މެޖިސްޓްރޭޓް ޝާތިރު ހަސަންގެ އިތުރުން ދަރަވަންދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފުގެ މައްސަލައެވެ.

މީގެއިތުރުން މެޖިސްޓްރޭޓް ކޯޓްތަކަށް 14 މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އަލުން އެ އެއިއުލާންކުރުމަށްވެސް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ،