ޚަބަރު

ނަޝީދު އިންނަވާ ވެހިކަލެއް ގޮއްވާލަން އަދީބު އުޅުއްވި - ނާޒިމް


ރައްޔިތުން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ހަރުކޮށްގެން ގޮއްވާލަން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މަސައްކަތްކުރެއްވިކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ބަޔާން ދެއްވައިފިއެވެ.

ނާޒިމް މި މޭރުމުން ވާހަކަދައްކަވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ޑރ އަފްރާޝީމު އަލީގެ މަރުގެ މައްސަލާގައި ދެއްވި ބަޔާނުގައެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމު އަލީގެ މަރުގެ މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައީސް އޮފީހުން މިއަދު ވަނީ އާއްމުކުރައްވާފައެވެ. މި ތަހުޤީގަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަހްމަދު ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިވެޑައި ނުގެންނެވޭ ގޮތަށް ހެދުމަށް އަދީބު މަސައްކަތް ކުރެއްވި ކަމަށެވެ. މިގޮތުން ރައީސް ނަޝީދު ކެނޑިޑެސީ ބާތިލުކުރުމަށް އެކ ގޮތްގޮތުން ރާވަމުން ދިޔަކަމަށާއި އެކަމުގައި ރީކޯ މޫސާމަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދާ މަޝްވަރާކުރިކަމަށެވެ.

ނަޝީދު އިންނަވާ ވެހިކަލެއްގައި ބޮމެއް ބާއްވާ އެ އުޅަނދު ގޮއްވާލަން ވާހަކަ ދެއްކެވުނުކަމަށްވެސް ނާޒިމްގެ ބަޔާނުގައިވެއެވެ. އަދި އެކަން އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމަށް އެނގިވަޑައިގަތުމުން އެކަން ފުލުހުންނާއި ނާޒިމް ހިއްސާކުރެއްވިކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެ ވާހަކަތައް ރައީސް ނަޝީދަށް ކާނަލް ނާޒިމް ހިއްސާކުރެއްވިކަމަށްވެސް އަހްމަދު ނާޒިމްގެ ބަޔާނުގައިވެއެވެ. އަދި އަދީބު އެފަދަ ކަންކަން ކުރައްވަން އުޅުއްވާ ވާހަކަތައް ރައީސް ޔާމީނުގެ އަރިހުގައި އަދީބު ދައްކަވާކަމަށްވެސް ނާޒިމްގެ ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ވަރަށް ކުރިންސުރެ ގާތްގުޅުމެއް ބާއްވަމުން އައި ނާޒިމާއި ރައީސް ޔާމީންގެ ގުޅުން ކެނޑިގެންދިޔައީ އަދީބާއި ރައީސް ޔާމީންގެ ގުޅުން ބަދަހިވުމުންނެވެ. ނާޒިމްގެ ބަޔާނުގައި ވިދާޅުވެފއިވަނީ ނަޝީދު އިންނެވި ވެހިކަލެއް ގޮއްވާލަން އަދީބު ރޭވީ ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ ހާދިސާއަށް ފަހުކަމަށެވެ. އަދި އެކަން އެގޮތަށް ރާވާފައިވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށްކަމަށްވެސް ނާޒިމްގެ ބަޔާނުގައިވެއެވެ. އަދި ޑރ އަފްރާޝމްގެ މަރުގެ ތުހުމަތުތައް ނަޝީދު އިސްތަށިފުޅުގައި އެޅުވުމަށްވެސް އަދީބު މަސައްކަތްކުރެއްވިކަންވެސް ނާޒިމްގެ ބަޔާނުގައިވއެވެ.