ޚަބަރު

ޑރ.އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓު ޢާއްމުކޮށްފި


މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި މައްސަލަ ތަޙްގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ސަރުކާރުން ޢާއްމުކޮށްފިއެވެ.

މިރިޕޯޓް ޢާއްމުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެކުލަވާލި މި ރިޕޯޓު ޢާއްމުކުރުމުގެކުރިންވަނީ ކަމާގުޅޭ މުއައްސަސާތަކަށްވެސް ރިޕޯޓު ފޮނުވާފައެވެ.

ރިޕޯޓުގަައިވާގޮތުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބަޔެކެވެ. އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު ނަމަކަށް ކިޔާ މީހަކައި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލީ 2012ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުއެވެ. މިމައްސަލާގައި ދަޢުވާކުރި މީހުންގެތެރެއިން ކުށް ސާބިތުވެފައިވަނީ ހ.ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ދަށުކޯޓުން އިއްވި މަރުގެހުކުމް ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.