ވިޔަފާރި

ހުނަރުވެރި ޒުވާނުން ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


މުޖުތަމަޢުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ހުނަރުވެރި ބަޔަކަށް ޒުވާނުން ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން އަލަށް އެކުލަވާލި ޖޮބް ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ ސަރުކާރުން ފާއިތުވެދިޔަ އެއް އަހަރުދުވަހުގެ ތެރޭ ޒުވާނުންނަށް ޚާއްސަކޮށްގެން މުހިއްމު މަޝްރުޢުތަކެއް ކުރިއަށްގެންދާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ޒުވާނުން ހުނަރުވެރި ޤާބިލްބަޔަކަށް ހެދުމުގެ މަޤްސަދުގައި ސަރުކާރުން ކުރަމުންދާ މަސައްކަތެއްކަމަށެވެ.

މި މަސައްކަތްތުގެ ދަށުން މިހާރު އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ވޯލްޑް ބޭންކްގެ އެހީގައި 20 މިލއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ސިނާޢަތާއި އައި.ސީ.ޓީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުން ޒުވާނުންނަށް ތަފާތު ފުރުސަތުތައް ހޯދައި ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ތަފާތި އެކި އެކި ވުޒާރާތަކުން އެކި ކަންތައް އެބަކުރޭ. މީގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނަން އިކޮނޮމިކް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި އަޅުގަނޑުމެން ހިންގާ 20 މިލިއަން ޑޮލަރުގެ މުހިއްމު ޕްރޮޖެކްޓުގެ ވާހަކަ. މިއީ ވެސް ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރުޢޫއެއް." ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ތަޢާރަފްކުރެވުނު ޖޮބް ސެންޓަރަކީ ޒުވާނުންނަށް ނުހަނު ބޭނުންތެރި ނިޒާމެއްކަމަށެވެ. މިނިސްޓަރ ވަނީ ޖޮބް ސެންޓަރުގެ ބޭނުން ހިފުމަށް ހުރިހާ ދިވެހިންނަށް ގޮވާލާފައެވެ.