ޚަބަރު

ދުވަސް ނުފުރާ ކުދިން ވިހެއުމާއި ބަނޑަށް ކުދިން މަރުވުމުގައި މާޙައުލުގެ ތަޢައްޔަރުކަން ބޮޑުދައުރެއް އަދާކުރޭ

ވިހެއުމުގެ ތެރޭގައި ކުދިން މަރުވުމާއި ދުވަސް ނުފުރާ ކުދިން ވިހެއުމުގެ މައިގަނޑު ސަބަބަކަށް ވަށައިގެންވާ މާޙައުލު ތަޢައްޔަރުވެފައިވުން ބޮޑު ދައުރެއް އަދާކުރާކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު މުނީރު ސަފިލްޑިން ވިދާޅުވެއްޖެއެވެ.

ވޯލްޑް ޕްރީ މެޗުއާރ ޑޭ ނުވަތަ ދުވަސް ނުފުރާ ވިހާކުދިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނީރް ސަފިލްދިން ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ޢާއްމު ސިއްޙަތު ހަރުދަނާކުރުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި މަދުކޮށްފައިވާ މިންވަރަކީ ފާހަގަކުރެވޭ މިންވަރެއްކަމަށް ސަފީރު ވިދާޅުވިއެވެ. ސިއްޙީ ދާއިރާ ކިތަންމެ ހަރުދަނާ ވީނަމަވެސް މާބަނޑު މީހުން އުޅޭ މާހައުލަކީ އެންމެ ރަނގަޅު މާހައުލަކަށް ނުވާނަމަ ދުވަސް ނުފުރާ ވިހެއުމާއި، ވިހެއުމުގެ ތެރޭގައި ދިމާވާ އެކި މައްސަލަތައް އިތުރުވާކަމަށް ސަފީރު މުނީރު ސަފިލްދިން ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައިވަނީ ސިއްޙީ ދާއިރާއާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ޙަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ވަޞީލަތްކަމަށްވާ ވެކްސިން ފަދަ ތުއްތު ކުދިންނާއި މާބަނޑު މީހުނަށް މުހިއްމު ކަންކަމާއި ދެކޮޅަށް އަދު އުފުލާ މީހުންނަނީ ނުރައްކާތެރިބައެއްގެ ގޮތުގައި ސަފިރު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ ނައިބު އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ވަނީ ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ނިސްބަތް މަދުކޮށް ދުވަސް ނުފުރާ ވިހާ ކުދިންގެ ރައްކާތެރިކަމަށް ސިއްޙީ ދާއިރާއިން ފާއިތުވި އަހަރުތަކުގައިކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި މިދާއިރަގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ މަންދޫބު ޑރ.އަރްވިންދް މާތުރް ވިދާޅުވީ ސަރަޙައްދީ ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއިން ބޮޑެތި ކާމިޔާބީތައް މިދާއިރާއިންވެސް ހޯދާފައިވާކަމަށެވެ.

މިރަސްމިއްޔާތުގައިވަނީ ދުވަސް ނުފުރާ ވިހާ ކުދިންނާ ގުޅޭގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ 3 ދުވަހުގެ ވޯކްޝޮޕްގެ ބައިވެރިނަށް ހަނދަނީ ލިޔުންވެސް ޙަވާލުކޮށްފައެވެ.