ޚަބަރު

އިތުބާރާއި އެއްބާރުލުމަށް ޝުކުރިއްޔާ، ހިދުމަތުގައި ސާބިތުކަމާއިއެކީ ކުރިޔަށް ދާނަން - ރައީސް


ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރަށް ރައްޔިތުން ކުރި އިތުބާރާއި ދިން އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރުން އަދާކުރައްވައިފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުނު މުނާސަބަތާއި ދިމާކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ހަމަޖެހުމައި ފާގަތިކަން ގެނައުމަށް އެމަނިކުފާނާއި މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މި މަތިވެރި ހިދުމަތުގައި ސާބިތުކަމާއެކީ ކުރިއަށްދާނެެ ކަމުގެ ޔާގީންކަން ރައްޔިތުންނަށް އަރުވާކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ވައުދުތައް ފުއްދެވުމަށް މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހާސިލކުރުމަށް ކަނޑައެޅި ކަންކަން ފުރިހަމަކުރުމަށް ފަހު ރައްޔިތުންނާއި ގުޅުން ހުރި ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އިސްކަންދީގެން ފެނާއި ކަރަންޓާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއްވެސް ވަނީ ފަށާފައެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެއް ރަށުގެ ބަނދަރު ހަދާ ނިންމާ 14 ބަނދަރުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި 20 ރަށެއްގެ ބަނދަރު ހެދުމަށް ކޮންޓްރެކްޓްކޮށް 26 ރަށެއްގެ ބަނދަރު ހެދުމަށް ޓެންޑަރވަނީ ކުރެވިފައެވެ.

ފެނާ ނަރުދަމާ ގާއިމު ކުރުމަށް 33 މަޝްރޫޢުގެ ކޮންޓްރެކްޓް ހަދާ 4 ރަށެއްގައި ޢަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިނުއިރު ފެނާ ނަރުދަމާގެ 70 މަޝްރޫޢު ޓެންޑަރ މަރުހަލާގައި އެބަ އޮތެވެ. އަދި ފެން ހިންދާ ނިޒާމް ޤާއިމު ކުރުމުގެ 2 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާއިރު އެއް މަޝްރޫޢު ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.