ޚަބަރު

ޓޮޑީގެ އައުޓްލެޓެއް ކްރޮސްރޯޑް މެރީނާގައި ހުޅުވައިފި


ދިވެހި ތަޤަފަތާއި ގުޅޭ އެކި ޕްރޮޑަކްޓްތައް ވިއްކާ ޓޮޑީ ބްރޭންޑުގެ ފިހާރައެއް ކްރޮސް ރޯޑްސް މެރީނާގައި ހުޅުވައިފިއެވެ.

ދިވެހި ތަޤަފަތާއި ގުޅޭ އެކި ޕްރޮޑަކްޓްތައް ވިއްކާ ޓޮޑީން ކްރޮސް ރޯޑްސްގައި ހުޅުވި އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ އިތުރު 2 ޕްރޮޑަކްޓެއްވެސް ލޯންޗްކޮށްފައެވެ. އެގޮތުން 3 ވައްތަރެއްގެ ތުވާއްޔާއި ޓޮޑީ ބްރޭންޑުގެ ތޮފިވަނީ ލޯންޗްކޮށްފައެވެ. ޓޮޑީގެ އައުޓްލެޓެއް މާލޭގައި ހުންނައިރު އެފިހާރާއިން ލިބޭ ހުރިހާ ބާވަތެއްގެ ސާމާނު ކްރޮސްރޯޑްސްގެ ފިހާރާއިންވެސް ލިބެން ހުންނާނެކަމަށް ޓޮޑީން ބުނެއެވެ. އަދި ހަމަ އެއް އަގުތަކެއްގައި ދިވެހިންނަށާއި ފަތުރުވެރިނަށް ޕްރޮޑަކްޓްތައް ލިބޭނެކަމަށްވެސް ޓޮޑީން ބުނެއެވެ. ޓޮޑީން ބުނިގޮތުގައި ކްރޮސް ރޯޑުގައި އެތަނުގެ އައުޓްލެޓެއް ހުޅުވުމަށް ލިބުނު ފުރުޞަތަކީ ބައިނަލްއަޤުވާމީ މާކެޓަށް ދިވެހި ބްރޭންޑަކަށް ނިކުތުމަށް ލިބުނު ބޮޑު ފުރުޞަތެއްކަމަށެވެ.

ޓޮޑީ ހިންގަމުން އަންނަ ފަރާތްތަކުންވަނީ އެތަނުން ލިބެން ހުރި އެކި ޕްރޮޑަކްޓްތަކުގެ މައުލޫމާތު ޕީއެސްއެމްނިއުސްއަށް ދީފައެވެ.

ދިވެހި ޘަގާފަތާއި ޓޮޑީގެ އެކި ޕްރޮޑަކްޓްތައް ގުޅުވާލާފައިވާއިރު ޓޮޑީން އަންނަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެފަރާތުގެ އައުޓްލެޓްތައް ބައްޓަން ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެތަނުން ކަސްޓަމަރުންނަށް ދެމުން އައި ކަރުދާސް ކޮތަޅުގެ ސަބަބުންވެސް ކުނި އުފެދުމަށް މަގުފަހިވާތީ ޓޮޑީން މިހާރު ބޭނުންކުރަނީ ކޮޓަން ފޮތި ކޮތަޅުކަމަށް އެފަރާތުން ބުނެއެވެ.