ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވައިފި


ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވައިފިއެވެ. އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ސްރީ ލަންކާގެ ގަޑިން ހެނދުނު 7 ޖެހި އިރުއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވަނީ 15.9 މިލިއަން މީހުންނަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި 12،845 ވޯޓު ފޮށި ބަހައްޓާފައިވާކަމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރާނީ އާދިއްތަ ދުވަހުކަމަށް ބެލެވެއެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެ ޤައުމުގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނީ ކުރީގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސާއަށްކަމަށް ސްރީ ލަންކާގެ ސިޔާސީ ތަޖުރިބާކާރުން ލަފާކުރެއެވެ. އެ ޤައުމުގެ މައި އިދިކޮޅު ޕާޓީ އެސްއެޕްޕީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަބަޔާއަކީ ދިހަ އަހަރުވަންދެން ސްރީ ލަންކާގައި ވެރިކަން ކުރެއްވި އެ ޤައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮއެވެ.

ގޮތަބަޔާއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ސްރީލަންކާގެ ވެރިކަން ކުރާ އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ސަޖިތް ޕްރަމަދާސައެވެ.
ޕްރަމަދާސައަކީ ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު އަދި ރައީސް ރަނަސިންގް ޕްރަމަދާސަގެ ދަރިކަލުންނެވެ.