 
										
			ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ގިންތި، ޑިއުޓީ ރޭޓް އަދި އޮރިޖިން ދުރާލާ އެނގޭގޮތަށް ފަރުމާކުރެވިފައިވާ "އެޑްވާންސް ރޫލިންގ" ގެ ޚިދުމަތް ކަސްޓަމްސް އިން މިއަދު ތަޢާރަފްކޮށްފިއެވެ.
ކަސްޓަމްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތަޢާރަފްކޮށްދެއްވީ ޗީފްސައިޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޞިލް ޙަސަން ޒާހިރުއެވެ. 
"އެޑްވާންސް ރޫލިންގ" ޚިދުމަތުގެ އިތުރުން 2018 ވަނައަހަރުގެ ތަފާސް ހިސާބުތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ " ސްޓެޓިސްޓިކަލް އިޔަރބުކް" ތަޢާރަފްކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ، 
ކަސްޓަމްސްއިން ބުނީ "އެޑްވާންސް ރޫލިންގ" ޚިދުމަތުގެ ސަބަބުން މުދާ ގެނައުމުގެ ކުރީން މުދަލަށް ހޭދަވާނެ ޚަރަދުތައް ދުރާލާ ހިސާބުކުރުމަށް ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެއެވެ. އަދި މުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި މުދާ ގިންތިކުރުމަށް ހޭދަވާ ވަގުތު މަދުކުރެވި މުދާ ބަލާފާސްކުރުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އިމްޕޯޓް އެކްސްޕޯޓް އުޞޫލުތައް މިހާރަށްވުރެ ހާމަކަން ބޮޑުވެގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.  
ކަސްޓަމްސްއިން ބުނީ އެޑްވާންސް ރޫލިންގ ޚިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ނިޒާމެއްކަމަށެވެ. 
ކަސްޓަމްސްއިން ތަޢާރަފްކުރި "ސްޓެޓިސްޓިކަލް އިޔަރބުކް" އަކީ އިމްޕޯޓްކުރެވޭ މުދަލާއި އެކްސްޕޯޓްކުރެވޭ މުދަލާއި އިމްޕޯޓް ޑިއުޓީގެގޮތުގައި ދަޢުލަތަށް ލިބޭ އާމްދަނީގެ އަދި އެހެނިހެން މައުލޫމާތުގެ އިތުރު ތަފްޞީލު ހިމެނޭ ގޮތަށް އަހަރަކު އެއް ފަހަރު ޝާއިއުކުރާގޮތަށް ތަޢާރަފްކުރެވުނު ފޮތެކެވެ. 
މި ފޮތް ޝާއިއުކުރުމުގެ މަޤްޞަދަކީ އިމްޕޯޓް އެކްސްޕޯޓްގެ އަދަދުތަކާއި އަދި ކަސްޓަމްސް އާގުޅޭ ތަފާސް ހިސާބު ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންނަށާއި އަދި އިގްތިޞާދު ދިރާސާކުރާ ފަރާތްތަކަށް ފޯރުކޮށްދިނުންކަމަށް ކަސްޓަމްސްއިން ބުނެއެވެ.