ޚަބަރު

މިފްކޯއަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން - ފިޝަރީޒް މިނިސްޓަރ


އެކި ބޭންކްތަކާގުޅިގެން މިފްކޯއަށް ރަނގަޅު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިފްކޯއަށް 26 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ އަންނަ އަހަރަކީ މިފްކޯއަށް ފާގަތި އަހަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފްކޯއަށް 26 އަހަރު ފުރުނުނަމަވެސް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚުގައި މިފްކޯއަކީ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަމަށެވެ. ދިވެހި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މިފްކޯގެ ދައުރު ވަރަށް ބޮޑުކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑަށް މަސްބޭރުކުރުމުގެ ފަޚުރު މިފްކޯ ޙާސިލްކޮށް ދަމަހައްޓާފައިވާކަމަށެވެ.

މިފްކޯއަށް 26 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުންފުނިންވަނީ މިފްކޯއަށް ޚާއްސަ ވެބްސައިޓެއް ލޯންޗްކޮށްފައެވެ. އަދި ދިވެހި ރަހަތަކަށް ޚާއްސަ 2 އުފެއްދުމެއްވެސް ނެރެފައެވެ. އަދި މިބާވަތްތައް މިފްކޯގެ އައުޓްލެޓްތަކުން ލިބެން ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިރަސްމިއްޔާތުގައިވަނީ މިފްކޯއަށް 20 އަހަރާއި 40 އަހަރާއި ދެމެދުގެ ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ފަރާތްތަކަށް ޚިދުމަތުގެ އެވޯޑުތައް ދީފައެވެ. ފަރުކޮޅުފުށީގައި ބޭއްވި މިރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ ވެރިންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.