ޚަބަރު

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގައި ފަރުދީ ޒިންމާ މާ މުހިންމު!


ބިދޭސީ މަސައްކަތުމީހުން ރާއްޖޭގައި އާދައާޚިލާފަށް ގިނަވެ އެމީހުންގެ ސަބަބުން ތަފާތު މައްސަލަތައް ވަނީ އުފެދިފައެވެ. މީގެތެރެއިން އެތައްބަޔަކީ ޤަވާޢިދާ ޚިލާފަށް އުޅެމުންދާ މީހުންނެނެވެ. ކަންބޮޑުވާންޖެހޭ އަނެއްކަމަކީ ބައެއް ބިދޭސީން ރާއްޖޭގައިވެސް އުޅެންޖެހިފައިވާ ނިކަމެތި ޙާލެވެ.

އެހެންނަމަވެސް ރާއްޖޭގައި ބިދޭސީ މަސައްކަތުމީހުންނަށް ކުރިމަތިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ މައްސަލައާއި އެނޫންވެސް ބޮޑެތި މައްސަލަތައް ބިދޭސީންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭލެއް ނިސްބަތުން ވަރަށް މަދެވެ. ބިދޭސީގެން ޙައްގުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްް (އެޗްއާރުސީއެމް)އަށް މިދިޔަ އަހަރު ހުށަހަޅާފައިވަނީ އެންމެ 7 މައްސަލައެވެ.

ރާއްޖެއަކީ ބިދޭސީންނަސް ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުމީހުންނަށް މެހެމާންދާރީ އަދާކުރުމާއި، ޚިދުމަތް ދިނުމުގައި މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މެހެމާންދާރީ، ދުނިޔޭގެ އެހެންޤައުމުތަކުން މިސާލެއްގެގޮތުގައި ބަލައެވެ. އެހެންނަމަވެސް ލޭބަރުންގެ ގޮތުގައި ނުވަތަ މަސައްކަތު މީހުންގެގޮތުގައި ރާއްޖެއަށް އަންނަ ބިދޭސީންނާމެދު ރާއްޖޭގައި ބައެއްފަހަރު ޢަމަލުކުރަމުންދާ ގޮތަކީ މީގެ އަނެއްކޮޅެވެ. އެއީ ރާއްޖޭގެ އަނދިރި ފަރާތުގެގޮތުގައި މިހަޤީޤަތް ދަންނަމީހުން ސިފަކުރެއެވެ.

ރާއްޖޭގައި އިންސާނީ ވަގުފާރީގެ އެތައް މައްސަލަތަކެއް ކުރިމަތިވެ އެތައް ބިދޭސީނެއްގެ ޙައްގުތައް ނިގުޅައިގަންނަމުންދާކަމީ ހަޤީޤަތެކެވެ. މިޙާލަތު ބޭރުގެ ބައެއް މީޑިއާތަކުންވެސް ދޭތެރެދޭތެރެއިން ފެންމަތިކުރެއެވެ. އަދި ރާއްޖޭގެ މީޑިއާތަކުގައިވެސް މިވާހަކަ ވަރަށްބޮޑަށް ދައްކައެވެ. މިމައްސަލަ ބޮޑުވެ ޤައުމީ މައްސަލައަކަށް ވެފައިވާކަމީ މިހާރު އެންމެންވެސް ދަންނަކަމެކެވެ. އެހެންނަމަވެސް މިކަމުގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން މާބޮޑަށް "ލޮނު މަޑު"ކޮށް އޮތްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އެތައް އަހަރަކުން މިހާބޮޑުވެގެން ދިޔަ މިމައްސަލަ މިހިސާބަށްދިޔައީ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ލަސްކުރުމުންކަމަށް ބުނާމީހުންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް އިންސާނީ ޙައްގުތަކާ ގުޅުންހުރި މައްސަލަތައް ދިމާވާނަމަ އެކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް އަންގާނެގޮތާބެހޭ މަޢުލޫމާތު ބިދޭސީންނަށް ދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް މިދިޔަ އަހަރު އެޗްއާރްސީއެމުންވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސްއިން މިކަމާއި ގުޅޭގޮތުން ވާހަކަދެއްކި ގިނަމީހުން އެމީހުންނަށް ދިމާވާ މައްސަލަތައް ޓީވީއަށް ކިޔައިދިނުމަށް ފަސްޖެހުނެވެ. ވާހަކަދެއްކި ބައެއް މީހުނަށް މައްސަލަ ހުށައެޅުމަށް ގިނަ ދަތިތަކާއި ބިރުވެރިކަން ކުރިމަތިވެފައިވާކަމަށް ބުންޏެވެ. އަދި މައްސަލަ ހުށައަޅާނެ ގޮތް ނުވެސްއެނގޭކަމަށް ބައެއްމީހުން ބުންޏެވެ.

ބައެއްފހަރު ގެންގުޅޭ ފައިސާކޮޅާއި ފޯނާއި އެހެނިގެންތަކެތި ވަގަށް ނެގުންފަދަ ކަންކަން ދިމާވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރަންވެސް ބިދޭސީން ފަސްޖެހެއެވެ. ސަބަބަކީ ތުހުމަތުކުރެވޭ ބައެއްގެ ވާހަކަ ބުމުން އެކަން އެބަޔަކަށް އެނގި ނުރައްކަލާ ކުރިމަތިވާކަން ބިދޭސީންނަށް ތަޖުރިބާކުރެވިފައިވުމާއި، ވޯކްޕަރމިޓު ގެއްލުމާއި ޕާސްޕޯޓު ފަދަ މުހިއްމު ލިޔުންތައް ނެތުމެވެ. އެހެންކަމުން އިންސާނީ ޙައްޤު ހޯދުމަށް އުޅުމުން އެއަށްވުރެ ބޮޑު ނުރައްކަލަކާ ކުރިމަތިވެދާނެކަމަށް އެމީހުންނަށް އޮންނަނީ ޤަބޫލުކުރެވިފައެވެ. ނަތީޖާއެއްގެގޮތުން ކޮންމެފަދަ ދަށުދަރަޖައިގެ ކަމެއްވެސް އެއީ އޮތްގޮތްކަމަށް އެމީހުން ދެކެއެވެ.

މީގެ އިތުރުން ބިދޭސީންގެ ސަބަބުން މިނޫން އެތައް މައްސަލަތަކެއްވެސް ދިމާވާކަމަށް ދިވެހިންވެސް ފާހަގަކުރެއެވެ. އެއްކަމަކީ ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އޮތް ބައެއް ފުރުސަތުތައް ގެއްލި އެކި ދާއިރާތަކުގެ މަސައްކަތުގެ އަގުވެއްޓުމެވެ. ބިދޭސީންނަކީ ކިތަންމެ ކުޑައަގަކަށްވިޔަސް ހަމަ ކޮންމެކަމެއްވެސް ކޮށްލާބަޔަކަށް އޮންނަނީ ވެފައެވެ. ކުރާކަމުގެ ފެންވަރެއް އަމުދުން ނެތަސް، އަގުހެޔޮވުމުން ބިދޭސީންނަށް މަސައްކަތް ލިބެއެވެ. މިއީ ދިވެހިންގެ ބޮޑު ކަންބޮޑުވުމެކެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރެވޭނީ އެންމެ ގުޅިގެން މަސައްކަތްކޮށްގެންނެވެ. ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ ޚާއްސަ މަސައްކަތަތަކެއް ފަށްތަވާފައެވެ. އެހެންނަމަވެސް ސަރުކާރުން ކުރާ މަސައްކަތުގައި ފަރުދީ ޒިންމާވެސް ވަރަށް މުހިންމެވެ. ބިދޭސީންނަކީ އަޅުންފަދަ ބައެއްކަމުގައި ދެކިގެން ބައެއް ދިވެހިން ހިންގާ ލާއިންސާނީ ޢަމަލުރައް މިހާރުން މިހާރަށް ހުއްޓާލަންޖެހެއެވެ. އެފަދަކަމެއް ހިނގާކަން އެނގޭނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަންވެސް ޖެހެއެވެ. ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުންލައްވައި ނުއަގުގައި މަސައްކަތްކުރުވުން ހުއްޓާލަންވެސް ޖެހެއެވެ.