ޚަބަރު

ސްރީ ލަންކާގެ ތިން ބާރުގެ ވެރިކަން ރާޖަޕަކްސަގެ އާއިލާއަށް ދިއުމުގެ ފުރުޞަތު ބޮޑު


ސްރީ ލަންކާގެ އެންމެ މަތީ ތިން މަޤާމުކަމަށްވާ ރައީސްކަމާއި ބޮޑުވަޒީރުކަމާއި ޤާނޫނު ހަދާ މަޖިލިހުގެ ރައީސްކަމަށް ރާޕަޖަކްސަގެ ޢާއިލާގެ އެއްބަނޑު އެއްބަފާ ތިން ބެއިން އިންތިޚާބުވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ފެށޭނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. ޚިޔާލު ހޯދުމުގެ ރަސްމީ ސަރވޭއެއް ހަދާފައިނެތް ނަމަވެސް އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ވަރަށް ގިނަ ގޮތްގޮތުން ބެލެވިފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސައެވެ.

އަދި އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ބޮޑުވަޒީރަކަށްވެވަޑައިގަތުމުގެ ފުރުޞަތު މަހިންދަ ރާޖަޕަކްސައަށްވެސްވަނީ ބޮޑުވެފައެވެ. ރާޖަޕަކްސަގެ ޕޮޑުޖަނާ ޕެރުނުމާ ޕާޓީން ޤާނޫނު ހަދާ މަޖިލިހުގެ އިންތިޚާބު ކާމިޔާބުކޮށްފިނަމަ ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސަކަށްވެވަޑައިގަންނަވާނެކަމަށް ބެލެވިފައިވަނީ މަހިންދަ ރާޖަޕަކްސަގެ ބޭބެ ޗަމަލް ރާޖަޕަކްސައެވެ. މަހިންދަ ރާޖަޕަކްސައަކީ ބޮޑުވަޒީރުކަމުގެ ދައުރަކާއި ރިޔާސީ ދެ ދައުރު އަދާކުރައްވާފައިވާ ސިޔާސީ ވަރުގަދަ ޝަޚުސިއްޔަތެކެވެ. އަދި ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސައަކީ ޑިފެންސް ސެކްރެޓްރީކަން ކުރައްވާފައިވާ ސްރީ ލަންކާގެ ނުފޫޒުގަދަ ޝަޚުސިއްޔަތެކެވެ. އަދި އޭނާއަކީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ސަބަބުން ބައިގިނަ ސިންގަޅައިންގެ މެދުގައި ވަރަށް މަޤްބޫލު ޝަޚުސިއްޔަތެކެވެ. އެ ދެ ބޭފުޅުންގެ ބޭބެ ޗަމަލް ރާޖަޕަކްސައަކީވެސް ސްރީ ލަންކާގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ޝަޚުސިއްޔަތެކެވެ. ޗަމަލް ރާޖަޕަކްސަވަނީ 2010ން 2015އަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސްކަންކުރައްވާފައެވެ.

ރާޖަޕަކްސަގެ ތިން ބެއިންނަކީ ސްރީ ލަންކާގެ ސިޔާސީ މަޝްރަހުގައި ވަރަށް ކުރީއްސުރެ ފިޔަޖަހަމުންދާ ފުންނާބު އުސް ތިން ޝަޚުސިއްޔަތެކެވެ. 2015ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސަގެ އާއިލާއަށް ވެރިކަން ގެއްލުނު ނަމަވެސް އަނެއްކާވެސް ވެރިކަމަށް އައުމަށް އެ އާއިލާއިން މިހާރުވަނީ ތައްޔާރުވެފައެވެ. މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީ ލަންކާގެ އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުންދިޔަ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު އެ ޖަމާޢަތް ބަލިކޮށް ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިނުމަކަށް ގެނެސްފައެވެ.


ޓައިގަރުން ބަލިކުރުމުގައި އިސްކޮށްހުންނެވީ މަހިންދަކަމަށްވީނަމަވެސް އޭނާގެ ފަހަތުގައި ޑިފެންސް ސެކްރެޓަރީއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވީ ކޮއްކޯފުޅު ގޮތަބަޔާއެވެ. ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްފަހު ސްރީ ލަންކާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ޗައިނާގެ މާލީ އެހީ ހޯއްދަވައިގެން ރާޖަޕަކްސަގެ ސަރުކާރުން ސްރީ ލަންކާ އަލުން ބިނާކުރުމަށް ބިޔަ މަޝްރޫޢުތަކެއް ފެއްޓެވިއެވެ. މިއާއެކު އިންސާނީ ހައްގުތަކަށް ފުޅާ ދާއިރާއެއްގައި އަރައިގަތްކަމުގެ ތުޙުމަތު އެމެރިކާއާއި ވިލާތުގެ ގައުމުތަކުން މަހިންދައަށާއި ގޮތަބަޔާގެ މައްޗަށް ކުރަންފެށިއެވެ.

ޓައިގަރުން ބަލިކުރުމަށް މަހިންދަގެ ސަރުކާރުން ދިން ޙަމަލާތަކުގައި ތަމަޅައިންގެ އާންމުންގެ 40،000އަށްވުރެ ގިނަ މީހުން މަރާލިކަމުގެ ތުހުމަތު މަހިންދައާއި ގޮތަބަޔާގެ މައްޗަށް އަދިވެސް ކުރެއެވެ. އަދި އެކަން ތަހުޤީޤުކުރުމަށް އެ ދުވަސްވަރު ހުޅަނގުން ސްރީ ލަންކާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައިވެއެވެ. މީގެ އިތުރުން ތަމަޅަ ބައެއް ނޫސްވެރިންނާއި ސަރުކާރަށް ފާޑުކިޔާ ސިޔާސީ ފަރާތްތައް ގޮތް ނޭންގޭ ގޮތް ގޮތަށް މަރާލިކަމުގެ ތުހުމަތުވެސް ކުރެވެއެވެ. މި ތުހުމަތުތަކާ ގުޅިގެން މަހިންދައާއި ގޮތަބަޔާ ރާޖަޕަކްސަވަނީ އެއީ ހުޅަނގުގެ ޤައުމުތަކުން ސްރީ ލަންކާއަށް ބާރާއި ނުފޫޒު ހިންގުމުގެ މަޤްޞަދުގައި ކުރި ތުޙުމަތުތަކެއްކަމަށް ސިފަކުރައްވައި ހުޅަނގަށް ފާޑު ވިދާޅުވެ އެމެރިކާއާއި ވިލާތުގެ ބާރުތަކަށް ރައްދު ދެއްވާއެވެ.