ޚަބަރު

2 ދުވަހުގެތެރޭ އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 34 މީހުން ޝަހީދުކޮށްލައިފި


އިސްރާއީލުން ފާއިތުވި 2 ދުވަހު ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް ދީފައިވާ ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 34 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާއިރު ޣައްޒާގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ ހަނގުރާމަވެރިންނާ އިސްރާއީލާ ދެމެދު މިހާރުވަނީ ހަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. ދެފަރާތުގެ ދެމެދު މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިސްރުން މެދުވެރިވެގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުކަމަށް މިސްރުންވަނީ ބުނެފައެވެ. މިސްރުގެ އޮފިޝަލަކު ވިދާޅުވީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ މި އެއްބަސްވުމަށް އެއްބާރުލުންދޭނެކަމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުނެފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ޣައްޒާގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ހަމަޖެހުން ޤާއިމުކޮށް ސުލްޙަހިފެހެއްޓުމަށް ފަލަސްޠީނުގެ ޖަމާޢަތްތަކަށް ގޮވާލައެވެ. އަނެއްކޮޅުން، އިސްރާއީލުން ޣައްޒާގެ ސަރަޙައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލާ މުޒާހަރާތައް ހިންގަމުންދާއިރު ހަމަލާތައް ނުދިނުމަށްވެސް މި އެއްބަސްވުމުގައި ގޮވާލައެވެ. މިފަދަ އެއްބަސްވުމެއް ޤާއިމުކޮށްފައިވާކަން އިސްރާއީލުން ކަށަވަރުކޮށްދީފައެއްނުވެއެވެ.

މި ހަފުތާގެ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ ޖަމާޢަތެއްގެ އިސް ކޮމާންޑަރެއް އަވަހާރަވުމާ ގުޅިގެން އިސްރާއީލާ ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ފަލަސްޠީނުގެ ޖަމާޢަތްތަކުން ދިން ގިނަ ހަމަލާތައް އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމްތަކުން ހުއްޓުވިއިރު އިސްރާއީލުގެ ގިނަ ހަމަލާތައް އަމާޒުވެފައިވަނީ ޣައްޒާގައި ޢާއްމުން އުޅޭ ގެތަކަށެވެ.