ވިޔަފާރި

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ބިލިއަނަކަށްވުރެ ރުފިޔާ


ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފިއެވެ.

ސަރުކާރު ކުންފުނިތަކުން ދައުލަތަށް ދައްކާ ޑިވިޑެންޑްއަކީ އެކުންފުނިތަކަށް ލިބޭ ފައިދާއިން ދައުލަތަށް ދައްކާ ފައިސާއެކެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ކުންފުނިތަކުން މިހާތަނަށް ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް 1.4 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ސަރުކާރު ކުންފުނިތަކުން ދައުލަތަށް ދައްކާފައިވާއިރު، ފިނޭންސް މިނިސްޓްރީން ކުރިން ލަފާކުރީ ޑިވިޑެންޑްގެ ގޮތުގައި ލިބޭނީ 874 މިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން ކުންފުނިތަކުން ސަރުކާރަށް ދެއްކި ޑިވިޑެންޑްއަކީ ސަރުކާރުން ލަފާކުރި މިންވަރަށްވުރެ 61 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރު ކުންފުނިތަކުން ދައުލަތަށް ލިބުނު ޑިވިޑެންޑް އިތުރުވެފައިވާއިރު، ސަރުކާރުން މިއަހަރުގެ ތެރޭގައި ވަނީ ކުންފުނިތަކުން ޑިވިޑެންޑް ދައްކާ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދޭންޖެހޭނީ ދައުލަތަށް ދައްކާ ޑިވިޑެންޑް ދެއްކުމަށްފަހުކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، 7.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ. އެކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، އެމްއޭސީއެލްއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.