 
										
			މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެކްސްޕޯއެއް ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.
"ފިޝަރީސް އެކްސްޕޯ"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ވަސީލަތްތަކާއި އާލާތްތައް އަދި މި ސިނާޢަތުގެ އުފެއްދުންތަކާއި މަޢުލޫމާތު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ. 
މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ހުރަވީ ސުކޫލުގައެވެ. 
އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. 
ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ސަރުކާރާއި މިނިސްޓްރީން ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތައް ކުރިއަށްގެންދެއެވެ. މިއަހަރު ބާއްވަން ހަމަޖެހިފައިވާ ފިޝަރީސް އެކްސްޕޯއަކީ 39 ވަނަ މަސްވެރިކަމުގެ ދުވަހާއި ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ.