ޚަބަރު

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްނަގާ އުސޫލާމެދު މަޝްވަރާކުރަނީ


ރާއްޖެއިން އިނގިރޭސި ވިލާތަށް އެތެރެކުރާ މަހުގެ ބަވަތްތަކުން ޓެކްސްނެގުމާގުޅޭ އުސޫލުތަކާމެދު، ރާއްޖެއިން އިގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ ކޮމަންވެލްތް، ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ސައުތް އޭޝިއާ އަދި އިގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖްލީހުގެ މެމްބަރު ލޯޑް ޠާރިގު ޢަޙްމަދާ، ސަފީރު ޑރ.ފަރަހަޏާޒް ފައިސަލް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވަފައެވެ.

އަދި އިގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް މަސައްކަތްކުރަމުންދާއިރު އެޙާލަތުގައި އިގިރޭސިވިލާތަށް ރާއްޖެއިން އެތެރެކުރާ މަހުގެ އެކި ބާވަތްތަކުން ނަގާ ޓެކްސްގެ މުޢާމަލާތްތައް ހިނގާނެގޮތުގެ އުސޫލުތަކާމެދު މަޝްވަރާތައް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ދެބޭފުޅުންވަނީ ވާހަކަފުޅުދައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ސަފީރު ފަރަހަނާޒް ވަނީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ކުރަމުންދާ މަސައްކަތުގައި އިގިރޭސިވިލާތުން ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިނިސްޓަރ އަޙްމަދަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެއިންކުރާ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ކާމިޔާބުވާނެކަމަށް އުއްމީދުކުރައްވާކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ސަމިޓު 2020ވަނަ އަހަރު އިގިރޭސިވިލާތުގައި ބޭއްވުމާ ގުޅޭގޮތުންވެސް ދެބޭފުޅުންވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ދެޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި ޑިމޮކްރެޓިކް އުސޫލުގެ މަތިން މަސައްކަތްކުރުމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ.

އިގިރޭސިވިލާތުން އަންނަނީ އެކި ރޮނގުރޮގުން ރާއްޖެއަށް އެހީތެރިވަމުންނެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި މީހުން ބިނާކުރުމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ޤައުމެއްގެ ގޮތުގައި އިގިރޭސިވިލާތް ފާހަގަކުރެވެއެވެ.