ކުޅިވަރު

ބީސީސީއައި ލެވަލް ދޭއްގެ ކްރިކެޓް ކޯޗިން ކޯހެއް ރާއްޖޭގައި ފަށައިފި


ބީސީސީއައި ލެވަލް ދޭއްގެ ކްރިކެޓް ކޯޗިން ކޯހެއް ރާއްޖޭގައި ފަށައިފިއެވެ.

އިންޑިޔާ މޯލްޑިވިސް ފްރެންޑްޝިޕް ޕްރޮގްރާމްގެ ދަށުން ކުރިޔަށްދާ މި ކޯހަކީ ކްރިކެޓްގެ އެންމެފަހުގެ ޓެކްނިކްތަކާއި މައުލޫމާތު ހިމަނައިގެން ކުރިޔަށްދާ ކޯޗިން ކޯހެކެވެ. މި ކޯހުގައި ބައިވެރިންނަށް އިރުޝާދު ދޭނީ އިންޑިޔާގަ ގައުމީ ފެންވަރުގައި ހަރަކާތްތެރިވާ ތަމްރީން ހޯދައިގެންތިބި އިންސްޓެކްޓަރުންނެވެ.

މި ކޯހުގައި ކުރިކެޓްގައި ހިމެނޭ ހުރިހާ ބާވަތެއްގެ ކޯޗިން ތަމްރީން ދިނުމަށް ހަމަޖެހިފެވެއެވެ. އޭގެތެރޭގައި ސްޕޯޓްސް ކައުންސެލިންއިން ފެށިގެން ފަސްޓްއެއިޑް ވެސް ހިމެނެއެވެ. މި ކޯހުގައި މާލޭގެ އިތުރުން ލ.އަތޮޅު ކުނަހަންދޫ އާއި ފުވައްމުލަކުގައި ހަރަކާތްތެރިވާ ކުރިކެޓް ކޯޗުން ބައިވެރިވެއެވެ.

މިއީ މިފަހުން ރާއްޖޭގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު އެއް ކޯސް ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތުދެއެވެ. މި ކޯހުގެ ބައިވެރިންގެ ތެރޭގައި ކުރިކެޓްގެ ކޯޗިންގ ލެވެލް އެކަކުން ފެށިގެން ތިނަކާއި ހަމަޔަށް ފުރިހަމަކޮށްފައިވާ ބައިވެރިން ހިމެނެއެވެ.

މިފަހަރުގެ ކޯހަށް ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވިސްއިން މައުލޫމާތުދެއެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިޔަށްދާ ކޯހުގައި ހިމެނޭ 23 ބައިވެރިންނަށް މައުލޫމާތު ދިނުމަށް އިންޑިޔާގެ 07 އިންސްޓެރެކްޓަރަކު ބައިވެރިވާނެއެވެ.