މުނިފޫހިފިލުވުން

ލަތާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ


މަޝްހޫރު ހިންދީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލާއި ހަވާލާދީ އިންޑިއާ ނޫސްތަކުގައި ބުނެފައިވަނީ އުމުރުން 90 އަހަރުގެ ލަތާ މިއަދު ހެދުނު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވުމާއި ގުޅިގެންކަމަށެވެ.

އައިސީޔުގައި އެޑްމިޓްކޮށް ފަރުވާދެމުން އައި ނަމަވެސް މިހާރު ލަތާގެ ހާލު ރަގަޅުވަމުން އަންނަކަމަށްވެސް އައިލާއާއި ހަވާލާދީ އިންޑިއާ ނޫސްތަކުން ބުނެއެވެ.

ހިންދީ ފިލްމި އިންޑަސްޓްރީގައި އެންމެ އިހްތިރާމު ލިބިގެންވާ ލަތާ މަންގޭޝްކަރު ދުނިޔޭގެ އަލިކަން ދެކެފައިވަނީ 1929 ވަނަ އަހަރުގެ ސެޕްޓެމްބަރ 28 ގައެވެ. އިންޑިއާގެ 36 ބަހަކުން އެތައް ހާސް ލަވައެއް ރިކޯޑްކޮށްފައިވާ ލަތާއަކީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ލަވަ ރެކޯޑްކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ހަމައެކަނި ލަވަކިޔުންތެރިޔާއެވެ. 1942 ވަނަ އަހަރު ލަތާ ލަވަކިޔުން ފަށާފައިވަނީ އުމުރުން އެންމެ 13 އަހަރުގައެވެ.

ލަތާއަށް ވަނީ އިންޑިއާގައި ދެވޭ އެންމެ ޝަރުފުވެރި އެވޯޑްތައް ދީފައެވެ. މިގޮތުން 1969 ވަނަ އަހަރު ޕަދްމާ ބޫޝަން އާއި 1989 ވަނަ އަހަރު ދާދާ ސާހަބް ޕަލްކޭ އެވޯޑާއި 1999 ވަނަ އަހަރު ޕަދްމާ ވި ބޫޝަން އާއި 2001 ވަނަ އަހަރު ބާރަތު ރަތްނާއާއި 2007 ވަނަ އަހަރު ލެޖަން ޝަރުވެސް ހިމެނެއެވެ.

ލަތާއާއި އެކު އެންމެ ގިނަ ލަވަ ރެކޯޑްކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ފުރަތަމަ ޖާގަ ލިބުނު އަނެއް ލަވަކިޔުންތެރިޔާ މުހައްމަދު ރަފީއުއާއި އެކުވެސް ލަތާވަނީ ގިނަ ލަވަތަކެއް ކިޔާފައެވެ. އަދި އެ ލަވަތަކަށް ގިނަ އެވޯޑްތަކެއް ލިބި މިއަދުވެސް އެލަވަތައް ވަނީ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައެވެ.