ކުޅިވަރު

އަންހެން ވޮލީ ތާރީޚުގެ ފުރަތަމަ ފައިނަލުން ދިވެހިރާއްޖެ ޖާގަ ހޯދައިފި


އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގަ ދިވެހިރާއްޖޭގެ ޓީމުން ކަށަވަރުކުރީ ލީގު ބުރުގައި ކުޅުނު ފުރަތަމަ ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ކިރިގިސްތާން އަތުން ތިން ސެޓު ދެ ސެޓުން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ލީގު ބުރުގެ ތިންވަނަ މެޗުގައި މިއަދު ނިކުތީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. މި މެޗުވެސް ދިވެހި ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިވެހި ޓީމުން ކާމިޔާބުކުރީ 25-06، 25-07 އަދި 25-08އިންނެވެ.

މި މެޗު ކާމިޔާބުކުރުމާއިއެކު ދިވެހި ޓީމުންވަނީ ފައިނަލުގެ ޖާގަ ޔަގީންކޮށް މުބާރާތުން އެންމެ ދަށްވެގެން ރިހި މެޑަލް ޔަގީންކޮށްފައެވެ. މިއީ މިހާތަނަށް އަންހެން ވޮލީބޯޅައިގެ ތާރީޚުގައި ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މުބާރާތުގެ ލީގު ބުރުގައި ޤައުމީ އަންހެން ވޮލީ ޓީމް ކުޅޭ ފަހު މެޗުގައި އަންނަ ބުދަދުވަހުގެ ނިކުންނާނީ ނޭޕާލްއާއި ދެކޮޅަށެވެ. އަދި ފައިނަލް މެޗުގައިވެސް ދިވެހި ޓީމް ނިކުންނަން ޖެހޭނީ ނޭޕާލްއާއި ދެކޮޅަށެވެ.