ވިޔަފާރި

މަޝްހޫރު ބާސެލޯނާ ދަނޑުގައި ރާއްޖެ އިޝްތިހާރުކޮށްލައިފި


ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ސެލްޓަވީގޯ ރޭ ބައްދަލުކުރި މެޗަކީ ދިވެހިރާއްޖެއަށް ވަރަށް ތާރީޚީ މެޗެކެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ބޭރުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއިން ސެލްޓަވީގޯ ސްޕޮންސަރކޮށްފައިވާއިރު، މިއީ ސްޕޮންސަރޝިޕްގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ.

މިއެއްބަސްވުމާއެކު ބާސެލޯނާގެ ރަސްމީ ދަނޑު، ކޭމްޕް ނޯގައި ކުޅުނު މެޗުގައި ސެލްޓަވީގޯއިން ބޭނުންކުރި ޖާޒީގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް" ލޯގޯއާއި "މޯލްޑިވްސް" ނަން ވަނީ ހިމަނާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިމެޗު ބަލަމުންދިޔަ އެތައް މިލިއަން ބަޔަކަށް ރާއްޖޭގެ އިޝްތިހާރު ވަނީ ފެނިފައެވެ. މީގެ އިތުރުން ނުވަދިހަ ހާސް މީހުންގެ ޖާގައިގެ ދަނޑުގައި ތިބި މީހުންނަށްވެސް މިއިޝްތިހާރުތައް ފެނިގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ އިޝްތިހާރެއް ހިމަނައިގެން ދުނިޔޭގެ އެންމެ ވަރުގަދަ ލީގެއްގެ މެޗު ކުޅުނު ފުރަތަމަ ފަހަރަށްވާއިރު، މިއީ އެތައް ގޮތަކުން ދިވެހިންނަށް ޚާއްސަ ވެގެންދިޔަ މެޗެކެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ އިޝްތިހާރުވެގެންދިއުމުގެ އިތުރުންވެސް އެތައް ކަމެއް މިމެޗުން ހާސިލުވިއެވެ. މިގޮތުން މިނިސްޓަރ އަލީ ވަޙީދާއެކު ދަތުރުކުރި ދިވެހި ނޫސްވެރިންނަށް ލަލީގާގެ މެޗެއް ކަވަރކުރުމުގެ ފުރުޞަތުވެސް މިނިސްޓަރ ވަނީ ހޯއްދަވާދެއްވާފައެވެ. މިއީ ހަމަޤައިމުވެސް ބާސެލޯނާފަދަ ދުނިޔޭގެ ބޮޑު ކްލަބެއް މެޗެއް ކަވަރކުރުމުގެ ފުރުޞަތު ދިވެހި ނޫސްވެރިންނަށް ލިބުނު ފުރަތަމަ ފަހަރުކަމުން، މިއީވެސް ތާރީޚީ ކަމެކެވެ. ނޫސްވެރިންނަށް ހޯދައިދިން ފުރުޞަތުގެ އިތުރުން، މެޗު ފެށުމުގެ ކުރިން ބާސެލޯނާގެ އިސްވެރިންނާއި ބާސެލޯނާގެ ކުރީގެ ބައެއް ކުޅުންތެރިންނާ ބައްދަލުކޮށްލުމުގެ ފުރުޞަތުވެސް ނޫސްވެރިންނާ ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލުންނަށް ލިބިގެންދިޔައެވެ.

މިބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓަރ ވަނީ ބާސެލޯނާގެ އިސްވެރިންނާއި އެޓީމުގެ ކުރީގެ ކުޅުންތެރިންނާއެކު މަޝްވަރާކޮށްފައެވެ. ބައެއް ބޭފުޅުންނަށް ރާއްޖެ ޒިޔާރަތްކުރުމަށް ދައުވަތު ދެއްވިއިރު، އެބޭފުޅުން ވަނީ ދައުވަތު ޤަބޫލުވެސްކޮށްފައެވެ.
ބާސެލޯނާއާއި ސެލްޓަވީގޯ ބައްދަލުކުރި މެޗުން ދިވެހިރާއްޖެއަށް އެތައް ފައިދާތަކެއް ކުރާނެކަން ޔަޤީންވާއިރު، ސެލްޓަވީގޯއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުން މިފަދަ ފައިދާތައްވާނެ އެތައް މެޗުތަކެއް ކުޅޭނެއެވެ. ކުރިން ރާއްޖެ ނުފެންނަ އެތައް ބަޔަކަށް ރާއްޖޭގެ އިޝްތިހާރުތައް ފެނިގެންދާނެއެވެ.

މެޗު ކުޅޭ ޖާޒީގެ އިތުރުން، އެކްލަބްގެ ކުޅުންތެރިން ޓްރެއިނިންތައް ހެދުމަށް ބޭނުންކުރާ ޖާޒީގައިވެސް ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އިޝްތިހާރުތައް ހުންނާނެއެވެ. މީގެ އިތުރުން ސެލްޓަވީގޯގެ ސްޓޭޑިއަމްއާއި އެކްލަބްގެ ކުޅުންތެރިން ދަތުރުކުރުމަށް ބޭނުންކުރާ ބޮޑެތި ބަސްތަކުގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހުންނާނެއެވެ. މި ބަސްތަކަކީ ސްޕެއިންގެ އެކި ހިސާބުތަކަށް އެކްލަބުގެ ކުޅުންތެރިން ދަތުރުކުރުމަށް ބޭނުންކުރާ ބަހަކަށްވާއިރު، މިއީވެސް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެކަމެކެވެ.

ސެލްޓަވީގޯއާއެކު ޓުއަރިޒަމް މިނިސްޓްރީން ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ހަމައެކަނި ފައިދާކުރާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކަށް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށްވެސް އެތައް ގޮތަކުން ފައިދާތަކެއް ކުރާނެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން ދިވެހި ކުޅުންތެރިންނަށް ސެލްޓަވީގޯގެ ދުނިޔޭގެ ފެންވަރުގެ ޓްރެއިނިންގ އެކަޑަމީގައި ތަމްރީންތައް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި ޓީމުތަކުގެ އެހެނިހެން އޮފިޝަލުންނަށް ބޭނުންވާ ތަމްރީންތައް ހޯދުމުގެ ފުރުޞަތުވެސް މިއެއްބަސްވުމުގެ ދަށުން ވަނީ ފަހިވެފައެވެ. ރާއްޖޭގެ ކުޅުންތެރިން ސްޕެއިންނަށް ފޮނުވުމުގެ އިތުރުން، ސެލްޓަވީގޯގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ރާއްޖެ ގެނެސްގެން ކޭމްޕްތައް ހިންގުމަށްވެސް އެއްބަސްވުމުގެ ސަބަބުން މަގު ފަހިވެގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ސެލްޓަވީގޯ ސްޕޮންސަރކުރުމުން ބައެއް ފަރާތްތަކުން ފާޑުކިޔަސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން މިކަމަށް ކިޔަނީ މަރުޚަބާއެވެ. މިއީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުމެއްކަމަށް ފަތުރުވެރިކަމުގެ ސިނާޢަތާއި ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.

ސްޕެއިން ވީގޯގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރާއްޖެއިން ސެލްޓަވީގޯއާއެކީ ޤާއިމްކުރި އެއްބަސްވުމުގެ ބޭނުމަކީ އެކްލަބަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިދިނުން ނޫންކަމަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހި ފުޓްބޯޅާއާއި މުޅި ރާއްޖެއަށް އޭގެ ސަބަބުން ފައިދާތަކެއް ހޯދުންކަމަށެވެ.
"އަޅުގަނޑުމެން މިކަމުގައި ބަލާފައި މިއޮތީ ކޮބައިތޯ އަގާއި ބަލާފައި އިޝްތިހާރެއް ޖެހުމުގެ އިތުރަށް މުޅި ދިވެހިރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ، އެހެންވީމަ ނުވަ ލައްކަ ޑޮލަރު އަހަރަކު މިދަނީ. މިއީ ދުނިޔޭގެ ނިސްބަތުން ހެޔޮ އަގެއް، މީގައި އަޅުގަނޑުމެން މިބަލަނީ ފަތުރުވެރިކަމުގެ ދާއިރާއިން އިޝްތިހާރެއް ޖެހުމުގެ އިތުރަށް މުޅި ދިވެހިރާއްޖެއަށް މީގެއިން ފައިދާއެއް ވޭތޯ. މިހާރުވެސް މަޝްވަރާކުރެވގެން މިދަނީ އަޅުގަނޑުމެންގެ ކުޅުންތެރިން ލަލީގާގެ މިފަދަ ފެސިލިޓީސްތަކަށް ތަމްރީން ހެދުމަށް ގެންނަން" އަލީ ވަހީދު ވިދާޅުވިއެވެ.

ސެލްޓަވީގޯއާއެކީ ރާއްޖެއިން ޤާއިމްކުރި ސްޕޮންސަރޝިޕް އެއްބަސްވުމާއެކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން މިވަނީ މުޅިން އެހެން ހަރުފަތަކަށް ގެންދެވިފައެވެ. ރޯޑް ޝޯވތަކާއި ފެއަރތަކުގައި ބައިވެރިވާތާ އެތައް އަހަރެއް ވެފައިވާއިރު، އިތުރު ގޮތްގޮތަށް ފަތުރުވެރިކަން އިޝްތިހާރުކޮށްގެން ނޫނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރެއް ނުވާނެއެވެ. އެހެންކަމުން ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު އެންމެ އިސްކަންދޭ މަސައްކަތެކެވެ. ދުނިޔޭގެ އެންމެ ބޮޑު ލީގުތަކާއި ކްލަބްތަކުގެ މެއިން ސްޕޮންސަޝިޕްތައް ނަގާފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކުންނެވެ. އެއީ ހަމަޤައިމުވެސް ސަބަބެއް ނެތިއެއް ނޫނެވެ.

މިމަސައްކަތުގެ ފެށުމެއްގެ ގޮތުން ރާއްޖެއިން ސެލްޓަވީގޯ ސްޕޮންސަރކޮށްފައިވާއިރު، ކުރިއަށް އޮތްތާނގައިވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކާ ދިމާލަށް ދިއުމަކީ އަމާޒެއްކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތްތާނގައި ދުނިޔޭގެ ބައެއް ބޮޑެތި ކްލަބްތަކާއެކު މަޝްވަރާތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމަޤާއިމުވެސް ޓުއަރިޒަމް މިނިސްޓަރގެ މިމަސައްކަތްޕުޅަކީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ މަސައްކަތްޕުޅެއްކަން ޔަޤީނެވެ.