ޚަބަރު

ޤަވާއިދާ ޚިލާފަށް ޓެކްސީކުރުން މަދުވެއްޖެ


ޤަވާއިދާ ޚިލާފަށް ޓެކްސީ ކޮށްގެން ރިޕޯޓު ކުރި އަދަދު މިދިޔަ ހަފްތާގައި ވަރަށް ބޮޑަށް މަދުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޓެކްސީ ކޮށްގެން ރިކޯޑުކޮށްފައިވަނީ އެންމެ 3 މައްސަލައެވެ. ނަމަވެސް އޭގެ ކުރީ ހަފްތާގައި 13 މައްސަލަ ރެކޯޑު ކުރެވިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޤަވާއިދާ ޚިލާފަށް ޕާކުކުރި 753 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. އޭގެ ކުރީ ހަފްތާގައި ވަނީ 763 އުޅަނދެއްގައި ސްޓިކާ ޖަހާފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 38 އެކްސިޑެންޓެއް ހިނގައި 14 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. އަދި ލައިސަންސް ނެތި ވެހިކަލް ދުއްވި 77 މީހަކާއި ލައިސަންސް ކާޑު އަތުގައި ނެތި ވެހިކަލް ދުއްވި 44 މީހަކުވެސް މިދިޔަ ހަފްތާގައި ހިފަހައްޓާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި މައްސަލަތަކުގެ އިތުރުން އިންޝުރެންސާއި ރޯޑް ވާދިނަސް ނެތް 69 މައްސަލަަކާއި ޓްރެފިކް ސައިންތަކާއި ޚިލާފުވި 19 މައްސަލައަކާއި ހެޑް ފޯނު އަޅައިގެން ދުއްވި 25 މައްސަލައެއްވެސް ފުލުހުން ބަލާފައިއެވެ. މީގެ އިތުރުން ހެލްމެޓް ނާޅާ ދުއްވި 17 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ފުލުހުން ވަނީ ބަލާފައެވެ.