ޚަބަރު

ޢިރާޤުގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް ހިނގާ އިތުރު ބަޔަކު މަރުވެއްޖެ


ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 5 މީހުން މަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު އިރާޤުގެ ސަލާމަތީ ބާރުތަކުންވަނީ އެއްވެ ތިބި މީހުން ދުރަށްޖެއްސުމަށް އަސްލު ވަޒަނާ ކަރުނަ ގޭސްފަދަ ތަކެތި ބޭނުންކޮށްފައެވެ. އެފަރާތްތަކުން މިފަދަ ވަޞީލަތްތަށް ބޭނުންކޮށްފައިވަނީ މިކަމާމެދު ޢިރާޤުގެ އިދިކޮޅު ފަރާތްތަކާ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ޢިރާޤުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ހިނގާފައިވާ ހަމަނުޖެހުންތަކުގައި 270 މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން، ހޮނިހިރު ދުވަހު ޢިރާޤުގެ ސަރުކާރުން ވަނީ އެ ޤައުމަށް އިސްލާޙުތައް ގެންނާނެކަމަށް ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިރާޤުގެ ބޮޑު ވަޒީރު އާދިލް ޢަބްދުލް މަޙްދީ ވިދާޅުވީ ޢިރާޤުގެ ސިޔާސީ ޕާޓީތަކުންވަނީ އެ ޤައުމު ހިންގުމުގައި ނާކާމިޔާބުވެފައިކަމަށެވެ.