ޚަބަރު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އުތުރާއި މެދުތެރޭ ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ


ބޯކޮށް ވާރޭވެހުމާއެކު އިނގިރޭސިވިލާތުގެ އުތުރާއި މެދުތެރޭ ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެކަކު މަރުވެ ގެތަކަށް ފެންވަނުމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ދިރިއުޅުމަށް ދަތިވެފައިވާކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހާގެ ހަށިގަނޑު ފެނިފައިވަނީ ޑާބީޝިއާ ސަރަހައްދުގެ ޑާލޭޑޭލްގައިވާ ޑާވެންޓް ކޯރުންކަމަށާ މަރުވެފައިވަނީ އަންހެނެއްކަމަށްވެސް އިނގިރޭސިވިލާތުގެ ފުލުހުން ބުނެއެވެ.

ވައިގެ މަގުން ނަގާފައިވާ އޭރިއަލް ފޮޓޯތައް ދައްކާގޮތުން، އިނގިރޭސިވިލާތުގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގައިވަނީ ރެކޯޑު އަދަދަކަށް ފެންބޮޑުވެފައެވެ. މިކަމުގެ ސަބަބުން ޑޮންކާސްޓާފަދަ ވިލެޖްތަކުގެ ގެ ތަކުގައި ދިރިނޫޅެވޭވަރަށް އެ ގެތަކަށް ފެންވަދެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިނި މޫސުން ފެށުމާއެކު އިނގިރޭސިވިލާތަށް ކުރަމުންދާ ވިއްސާރާގައި އެގައުމުގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެކަމަށް ލަފާކޮށް ތިމާވެއްޓަށް މަސައްކަތްކުރާ އެޖެންސީތަކުން އެކަމާގުޅޭ 150އަށްވުރެ ގިނަ އެލާޓް ނެރެފައިވާކަމަށް މައުލޫމާތު ލިބެއެވެ.