ޚަބަރު

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް - އެންމެ ރީތި ނަމޫނާ


ކީރިތި ރަސޫލާ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ ޤުރައިޝުވަންހައިގެ ހާޝިމީ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު ފެށެނީ ސަލާމްލެއްވި އިބްރާހީމުގެފާނުންގެ ދަރިކަލުން ސަލާމުލެއްވި އިސްމާޢީލުގެފާނާ ހަމައިންނެވެ. ބައްޕާފުޅު ޢަބްދުﷲ ގެފާނަކީ، ހާޝިމުގެފާނުންގެ ޢަބްދުލްމުއްޠަލިބުގެފާނުންގެ ދަރިކަލެކެވެ. މައިކަމަނާއަކީ ޤުރައިޝުވަންހައިގެ ޒަހްރަތު ދަރިކޮޅުގެ ޢަބްދު މަނާފުގެ ވަހަބުގެ އާމިނަތުގެފާނެވެ.

މުސްލިމުން އެންމެ ލޯބިވާ އިންސާނާ، ކީރިތި ރަސޫލު مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތްކުރެއްވި ވަރުގަދަ ރިސާލަތާއިގެން ވަޑައިގެންނެވި މާތްﷲގެ ރަސޫލާއެވެ. ވަރުގަދަ އުއްމަތެއް ބިނާކުރައްވައި، އާރާސްތު ކުރެއްވި ވަރުގަދަ ޒަޢީމެވެ. ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލެއްވި ޙަޟާރަތެއްގެ މޭސްތިރިޔާއެވެ. އެކަލޭގެފާނު ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން، އިމާންކަން މުޅިދުނިޔެއަށް ޢާއްމުވެ، ސަލާމު ފެތުރި، އެއްގަމަށާއި، ކަނޑުތަކަށާއި، އިންސާނުންނަށާއި، ޖިންނިންނަށާއި، ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި އަމާންކަމާއި އުފާވެރިކަން ލިބިގެން ދިޔައެވެ. މާޔޫސްކަން ނެތިގޮސް އުއްމީދުގެ އަލިކަން ލިބުނެވެ.

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގައި އުޅުއްވީ މީގެ ސާދަސަތޭކަ އަހަރު ކުރިންނެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތްﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެ ފާނު، އެކަލޭގެފާނާ މާތްﷲ ޙަވާލުކުރެއްވި ރަސޫލުކަން ފުރިހަމަ ކުރައްވައި، އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުންނަށް އިސްލާމް ދީން ފުރިހަމަކޮށްދެއްވުމަށްފަހު ސުވަރުގެ ވަޑައިގެންފިއެވެ. އެހެންނަމަވެސް މީސްތަކުންގެ ދެދުނިޔެ ބާއްޖަވެރިވާނެ މާތް ފޮތަކާއި އެކަލޭގެފާނުގެ ސުންނަތް ވަނީ އުންމަތަށް ހަދިޔާއެއްގެގޮތުގައި ދޫކުރައްވާފައެވެ.

ކޮންމެ އަހަރަކު ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކޮށް، އެކަލޭގެފާނުގެ ހަނދާންތައް އައުކުރާއިރު، ލޮބުވެތި ރަސޫލާގެ އިންސާނީ ވަންތަކަމާއި އަޚްލާޤީ މަތިވެރިކަން ފާހަގަކުރަންޖެހެއެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ރަނގަޅުކުރަންޖެހެއެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނާއަށެވެ. އެކަލޭގެފާނު، އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު އެމީހުންގެ ބުރަތަކާއި ދަތިތައް ތަޙައްމުލުކުރެއްވުމުގައި އެއްބާރުލުން ދެއްވިއެވެ.

އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންނެވިއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވެވިއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވާ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތެވިއެވެ. ޣައިރު މުސްލިމުންނާ އެކުގައިވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރެއްވިއެވެ. ހުރިހާ ވަގުތެއްގައިވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދުބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވި، ނިކަމެތީންނަށް އަޅައިލެއްވި ބޭކަލަކަށެވެ.

ވެރިއެއްގެ ޙައިސިއްޔަތުން، އަޚްލާޤުގެ ޙައިސިއްޔަތުން، ދީނަށް ގޮވައިލެއްވި ރަސޫލުބޭކަލެއް ހައިސިއްޔަތުން، މުރައްބީއެއްގެ ހައިސިއްޔަތުން އެކަލޭގެފާނަކީ މަތިވެރި އިންސާނެކެވެ. އެއީ އެންމެ ނަމޫނަ އިންސާނާއެވެ. މިއަދު ދުނިޔޭގެ އެންމެހައި މުސްލިމުން، އެޝަޚްޝިއްޔަތެއްގެ ޢީދުމީލާދު ފާހަގަކުރަމުން އަންނަ ކީރިތި ރަސޫލާއަކީ އެކަލޭގެފާނު ޝަޚްޞިއްޔަތާމެދު ހުރިހާ ދީނެއްގެ ހުރިހާ ނަސްލަކާއި ނަޞަބެއްގެ މީހުންގެ ހެޔޮބަސް ލިބިވަޑައިގެންފައިވާ ނަމޫނާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކަށް ތަޢުރީފް ލިބިވަޑައިގަތުން ނިމުމެއް ނާންނާނެއެވެ.

ކީރިތި ރަސޫލާ ދެއްކެވި ނަމޫނާއާއި އެކަލޭގެފާނު ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކާއި ޚުލްޤުފުޅާއި ޝަޚްޝިއްޔަތާމެދު ޢިލްމުވެރިންނާއި ޙިކުމަތްތެރިން އެކި ޒަމާނުގައި ވަނީ މުހިންމު ވާހަކަތައް ދައްކާފައެވެ. މީގެތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނެއެވެ.

ކޮންމެ މުސްލިމަކުވެސް މިއަދު އަޒުމު ކަނޑައަޅަންވީ ކީރިތި ރަސޫލާގެ ޚުލުޤުފުޅުންނާ އެކަލޭގެފާނުގެ ސީރަތުން ޢިބްރަތް ހާޞިލްކޮށް އަޅުގަޑުމެންގެ އިސްލާމީ އުއްމަތް މިއަދު މިއޮތް ޙާލަތުން ސަލާމަތްކޮށް އިސްލާމީ ރިވެތި ސިފަތަކުން މުޅި އުއްމަތް ޒީނަތްކުރުމަށެވެ.