މުނިފޫހިފިލުވުން

އަހަރުގެ ޗުއްޓީ ހޮލީވުޑް ކަލަންޑަރ


ޗުއްޓީއަކީ އަހަރުގެ އެކި ދުވަސްވަރު އަންނަ އެއްޗެކެވެ. އެހެންނަމަވެސް އަހަރުގެ ބޮޑު ޗުއްޓީގެ ފިލްމީ ސީޒަން މި އޮތީ ފެށިފައެވެ. ކުދި ބަޖެޓްތަކުން އުފެއްދި ފިލްމުތަކާއި ބޮޑެތި ބަޖެޓްތަކުން ނެރޭ ފިލްމުތަކުން މި ހިނގާ ނޮވެމްބަރ މަހާއި ޑިސެމްބަރު ސިނަމާތަކުގެ ޝެޑިއުލްތައް މިވަނީ ފުރާލާފައެވެ.

އަންނަ ހުރި ފިލްމަތައް ގިނަކަމުން ކޮންމެ ފިލްމެއްތޯ ބަލާލާނީ ނުވަތަ ނުކުންނަށް ހުރީ ކޮން ފިލްމެއްތޯ ބަލާލަން ބޭނުންވެދާނެއެވެ. އެހެންކަމުން މި އޮތީ މިއަހަރުގެ ބޮޑު ޗުއްޓީގެ ހޮލީވުޑް ކަލަންޑަރެވެ. ބަލާލަން ބޭނުންވާ ފިލްމުތައް ފާހަގަކޮށްލާ ސިނަމާއަށް ދާން ނުވަތަ ސާފު ކޮޕީއެއް ހޯދައިގެން ގޭގައި ބަލާލަން ތައްޔާރުވެލާށެވެ. މިފަހަރު މިބަލާލަނީ ނޮވެމްބަރުން މަހަށެވެ.

ނޮވެމްބަރ 1

މި ދުވަހު ސިނަމާތަކަށް އައި ފިލްމުތަކުގެ ތެރޭގައި އެންމެ ގިނަ ބައެއްގެ އިންތިޒާރުކުރީ ޓާމިނޭޓާރ ސީރީޒްގެ " ޓާމިނޭޓަަރ: ޑާކް ފޭޓް " އަށެވެ. މި ފިލްމުގައި މި ސިރީޒްގެ އެންމެ ފުރަތަމ ފިލުމުން ފެނިގެންދިޔަ ތަރިންތައް ފެނިގެންދައެވެ. އެއާއި އެކު މި ފިލްމުގައިވެސް އާނޯލްޑް މުހިއްމު ރޯލެއް އާދާކުރެއެއެވެ.

ނޮވެމްބަރ 1 ވަނަދުވަހު ދެން ރިލީޒްވި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ އެނިމޭޓެޑް ފިލްމް " އާރކްޓިކް ޑޯގްސް " ކެސީ ލެމޯންސް ގެ " ހެރިއެޓް" އެޑްވާޑް ނޯޓަންގެ " މަދަރލެސް ބްރޫކްލީން " އެޕިކް ކްރައިމް ޑްރާމާ " ދި އައިރިޝްމޭން " ހިމެނެއެވެ.

ނޮވެމްބަރ 8

މިދުވަހު ރިލީޒްވި ފިލްމަތަކަށް ބަލާއިރު އެންމެ ގިނަ ބަޔަކު އިންތިޒރުކުރަމުން އައި ފިލްމަކީ ގޭމްސް އޮފް ތޮރޯންސްގެ ބަތަލާ އެމީލިއާއި ކްލެއަރ ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ " ލާސްޓް ކްރިސްމަސް" އަށެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ މިއުޒިކްތަކުން އިންސްޕައަރ ވެގެން އޭނާ މަރުވިތާ 3 އަހަރު ފަހުން އުފެއްދި މި ފިލްމުގައި ޖޯޖް މައިކަލްގެ އާ ލަވައެއްވެސް ވަނީ ހިމަނާފައެވެ.

ނޮވެމްބަރ 8 ގައި ސިނަމާތަކަށް ނުކުތް ފިލްމުތަކަށް ބަލާލާއިރު ސްޓެފަން ކިންގް ގެ ވާހަކައަށް އުފެއްދި "ޑޮކްޓަރ ސްލީޕް" ޓައިކާ ވައިޓީޓީގެ "ޖޯޖޯ ރެބިޓް" އަލިފާން ނިއްވާ މީހެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމެޑީ ފިލްމް " ޕްލޭއިން ވިތް ފަޔަރ " ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަތަކެއް ގެނެސްދޭ ހިސްޓޯރިކަލް ފިލްމް "މިޑްވޭ" ބްލީގެ ޝިކާރައަކަށް ވި ކުއްޖަކު މަރެއްގެ ތަހުޤީގުގައި ބެދޭ ޑްރެމެޓިކް ތްރިލަރ "ބެޓަރ ޑޭސް " އަލްމާ ހެރެއެލްގެ "ހަނީ ބޯއީ" ހިމެނެއެވެ.

ނޮވެމްބަރ 15

މިދުވަހު ސްކްރީންތަކަށް އަންނަ ހުރި ފިލްމްތަކުން އެންމެ ގިނަ ބައެއް އިންތިޒާރުކުރަމުން އަންނަ ފިލްމަކީ ޓީވީ ސްރީޒެއްގެ ގޮތުގައި 1070 ވަނަ އަހަރު ނުކުތް "ޗާލީޒް އޭންޖަލްސް" ގެ އައި ބަޔަށެވެ. 2000 ވަނަ އަހަރު މީގެ ފުރަތަމަ ފީޗަރ ފިލްމާއި އެކު މިސިރީޒްގެ ފިލްމުތައްވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދާފައެވެ. އަންހެން ސްޕައިންތަކެއް ފެނިގެންދާ މި ސިރީޒުގެ މި ފަހަރުގެ ފިލްމުގެ ލީޑްރޯލުގައި ހަރަކާތްތެރިވާނީ ކްރިސްޓަން ސްޓީވާޓް، ނައީމީ ސްކޮޓްގެ އިތުރުން އެލާ ބެލިންސްކާއެވެ.

މީގެއިތުރުން ދެ މިދުވަހު ސިނަމާތަކަށް އަންނަ ހުރި ފިލްމުތަކަށް ބަލާއިރު ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ " ފޯޑް ވީ ފެރާރީ " ހިމެނެއެވެ. މި ފިލްމުގެ ކާސްޓުންނަކީ މެޓް ޑެމޮން އަދި ކްރިސްޓިއަން ބޭލްއެވެ. ދެން ނޮވެމްބަރ 15 ވަނަދުވަހު ސްކްރީންތަކަށް އަންނަ އަނެއް ފިލްމަކީ ލެޖެންޑަރީ ތަރިންކަމަށްވާ ހެލެން މިރެން އާއި އިއާން މެކަލަން ފުރަތަމަ ފަހަރަށް އެކުގައި ސްކްރީންނުން ފެނިގެންދާ " ދި ގުޑް ލަޔަރ " ހިމެނެއެވެ. އަދި ޓްރޭ އެޑްވާޑް ޑައިރެކްޓްކުރާ " ވޭވްސް" ސިނަމާތަކަށް އަންނަނީ ހަމަ
މި ދުވަހުއެވެ.

ނޮވެމްބަރ 22

ނޮވެމްބަރ 22 ވަނަދުވަހަށް އިންތިޒާރުކުރާ މީހުން އަދި މާގިނަކަމަށް ބުނެވިދާނެއެވެ. ހާއްސަކޮށް މިދުވަހަށް އިންތިޒާރުކުރާ ފަރާތްތަކުގެ ތެރޭގައި އެކި އުމުރު ފުރައިގެ މީހުން ހިމެނެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ މިދުވަހު ސްކްރީންތަކަށް "ފްރޯޒެން 2 " އަންނާނެތީއެވެ. ކާމިޔާބު އެނިމޭޓެޑް ފިލްމް "ފްރޯޒެން" ގެ މި ސީކުއަލްގެ ޓްރެއިލަރ އާޢްމުކޮށްލުމުން އެ ޓްރެއިލަރ ބެލި މީހުންގެ އަދަދަށް އެކަނި ބަލާލުމުންވެސް މި ފިލްމަށް ކުރާ އިންތިޒާރު ޔަގީންކޮށްލެވެއެވެ. "ފްރޯޒެން 2 " މި ޕްރިމިއަރ މިހާރު ވަނީ ބާއްވާފައެވެ. ދެން އޮތީ ބާކީ 12 ދުވަހެވެ.

ނޮވެމްބަރ 22 ގައި ނުކުންނަށް ހުރި އެހެން ފިލްމަތަކަށް ބަލާއިރު ލިސްޓްގައި ހިމެނޭ އަނެއް ފިލްމަކީ އޮސްކަރ ވިނަރ ޓޮމް ހޭންކްސް ފެނިގެންދާ " އަ ބިއުޓިފުލް ޑޭ އިން ދި ނޭބަރހުޑް " އެވެ. މިއާއި އެކި ޗެޑްވިޑް ބޯސްމަންގެ "ބްރިޖްސް" ޓޮޑް ހޭންސްގެ " ޑާކް ވޯޓަރ " ވެސް ސްކްރީންތަކަށް އަންނާނީ ނޮވެމްބަރ މަހުގެ 22 ވަނަދުވަހުއެވެ.

ނޮވެމްބަރ 27

ނޮވެމްބަރ ޝެޑިއުލަށް ބަލާއިރު މި މަހުގެ ހޮލީވުޑް ފިލްމުތަކެއް ސްކްރީންތަކަށް އަންނާނެ އެންމެ ފަހު ދުވަހަކީ ނޮވެމްބަރ މަހުގެ 27 ވަނަދުވަހުއެވެ. މި ދުވަހު ދެ ފިލްމެއް މިހާރު އޮތް ގޮތުން ރިލީޒްކުރާނެއެވެ.

މި ދުވަހު ރިލީޒްކުރާ އެއް ފިލްމަކީ ޖޭމްސް ބޮންޑްގެ ރޯލުން މަޝްހޫރުވި ޑެނިއަލް ކްރެއިގް ފެނިގެންދާ "ނައިވްސް އައުޓް" އެވެ. ރިއަން ޖޯންސް ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ރިއަން އާއި ރާމް ބާރގުމެންއެވެ. ކްރެއިގް އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކްރިސް އިވާންސާއި އަނާ ޑި އާމަސްއާއި ޖެމީ ލީ އާއި ޓޯނީ ކޮލެޓް އާއި ޑޯން ޖޯންސަންގެ އިތުރުން މައިކަލް ޝެނޮންވެސް ފެނިގެންދާނެއެވެ. 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ އައިލާއެއްގެ ތެރޭގައި ހިނގާ މަރެއް ތަހުޤީގުކުރުމުގައި ދިމާވާ ކަންކަން ދައްކުވައިދޭ ފިލްމެއްކެވެ.

މިދިވަހު ސިނަމާތަކަށް އަންނަ " ކްއީން އެންޑް ސްލިމް" އަކީވެސް ބަލާލަން ރަގަޅު ފިލްމަކަށް ވާނެއެވެ. މެލިނާ ޑައިރެކްޓް ކުރާ މި ފިލްމުގެ ރޯލްތަކުން ފެނިގެންދާނީ ޑެނިއަލް ކުލޫޔާ، ޖޯޑީ ޓާނަރ ސްމިތުގެ އިތުރުން ބުކީމް ވުޑް ބައިންއެވެ.

މީ ނޮވެމްބަރ މަހުގެ ނުކުންނަ ހުރި ފިލްމުތަކެވެ. ބަލަން ބޭނުންވާ ފިލްމުތައް މި ލިސްޓުގައި ހުންނާނެކަން ޔަގީންނެވެ. ދެން އޮތީ ޑިސެމްބަރު މަހުގެ ޝެޑިއުލްއެވެ. އެކަމަކު އަދި ކުޑަދުވަސްކޮޅެއް ފަހުންނެވެ.