ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ސިޔާސީ ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް އދން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ގެއިރް ޕެޑަސަން ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލޭންޑްގެ ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދން ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ގެއިރް ޕެޑަސަން ވިދާޅުވީ ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވާ ވާހަކަތަކުގައި ގިނަ ހުރަސްތައް ކުރިމަތިވިނަމަވެސް ވާހަކަތަކުގައި ބައިވެރިވި ހުރިހާ ފަރާތަކުން މިކަމަށް އެއްބާރުލުން ލިބުނުކަމަށެވެ. އޭނާ ވިދާޅުވީ މި ވާހަކަތައް ކުރިއަށްދިޔައީ ހުރިހާ ފަރާތަކުން ހީކުރި ގޮތާ ޚިލާފަށްކަމަށާ ކުރިއަށް އޮތްތަނުގައިވެސް ހަރުދަނާ ވާހަކަތަކެއް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޕެޑަސަން ވިދާޅުވީ މި މަޝްވަރާތަކުގައި ކުރިއަށް ގޮސްފައިވަނީ ސޫރިޔާގެ ސިޔާދަތާ ސަރަޙައްދީ މިނިވަންކަމާ އެ ޤައުމުގައި ހިނގަމުންދާ ޓެރަރިސްޓް ޙަރަކާތްތަކާ ގުޅޭ ވާހަކަތައްކަމަށެވެ. ޕެޑަސަން ވިދާޅުވީ ދެން ބާއްވާ މަޝްވަރާތައް ކުރިއަށްގެންދާނީ މި ނޮވެމްބަރު މަހުގެ ފަންސަވީސް ވަނަ ދުވަހުކަމަށެވެ.