ޚަބަރު

އިރާޤުގެ ވެރިރަށް ބަޣްދާދުގައި އަނެއްކާވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި


އިރާޤުގެ ވެރިރަށް ބަޣްދާދުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ހުކުރު ދުވަހު އެ ރަށުގައި އެއްވި މީހުންނާ ސަލާމަތީ ބާރުތަކާ ދެމެދު ހުކުރު ދުވަހުވެސް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ހުކުރު ދުވަހުގެ ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކުންވަނީ ކަރުނަ ގޭހާ ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާތައް ރޫޅާލުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެއްވި ތިބި މީހުން ތިބީ ހެލްމެޓް އަޅާ، ގައިގެ ތަންތަން ޙިމާޔަތްކުރާނެ ތަކެތި އަޅައިގެންކަމަށް މަންޒަރުދުށް ފަރާތްތަކާ ޙަވާލާދީ ރޮއިޓަރސްއިންވަނީ ރިޕޯޓްކޮށްފައެވެ. ހުކުރު ދުވަހުވެސް ބަޣްދާދުގައި މުޒާހަރާތައްކޮށްފައިވަނީ ޤައުމު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ހަމަޖެހުން ޤާއިމުކުރުމަށް އިރާޤުގެ ދީނީ ލީޑަރު ޢާޔަތުއްﷲ ޢަލީ އަލް ސިސްތާނީ ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ސިސްތާނީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި މުޒާހަރާކުރަމުންދާ ފަރާތްތަކުގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދޭންޖެހޭކަމަށެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން އެކަށިގެންވާ ވަރަށްވުރެ ގިނައިން ބާރުގެ ބޭނުންނުކުރުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އިރާޤުގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ހިނގާފައިވާ ހަމަނުޖެހުންތަކުގައި ދުއިސައްތަ 60އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.