ޚަބަރު

ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިމަހު ބްރެޒިލާ ގްރީސްއަށް ވަޑައިގަންނަވަން ނިންމަވައިފި


މި މަހުގެ 10ވަނަ ދުވަހުން 15ވަނަ ދުވަހަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގްރީސް އަދި ބްރެޒިލްއަށް ދަތުރުތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޗައިނާގެ ރައީސް މި ދެ ޤައުމަށް ދަތުރެއްކުރެއްވުމަށް ހަމަޖެހިފައިވަނީ ގްރީސް އަދި ބްރެޒިލްގެ ރައީސުންގެ ދައުވަތަކަށްކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް ގްރީސްއަށް ކުރައްވާ ރަސްމީ ދަތުރުގައި އެ ޤައުމަށް ވަޑައިގަންނަވާނީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުން 12ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި މި ދަތުރުގެ މަޤްސަދަކީ ގްރީސްއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ވިލާތާ ޗައިނާއާ ދެމެދު އޮންނަ ގުޅުންތައްވެސް އިތުރަށް ހަރުދަނާ ކުރުމަށްކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.

ޝީ ޖިންޕިންގް ގްރީސްއަށް ކުރައްވާ މި ދަތުރުގައި އެ ޤައުމުގެ ރައީސްއާ ބޮޑުވަޒީރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ގްރީސްއަށް ކުރައްވާ މި ދަތުރަށްފަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެން ވަޑައިގަންނަވާނީ ބްރެޒިލްގައި އޮންނަ ބްރިކްސްގެ ގައުމުތަކުގެ 11ވަނަ ސަމިޓްގައި ބައިވެރިވަޑައިގަތުމަށް އެ ޤައުމަށްކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މި ސަމިޓްގައި ޝީ ތަޤްރީރެއް ދެއްވާނެކަމަށްވެސް ޗައިނާއިންވަނީ ބުނެފައެވެ. އަދި ސަމިޓްގެ ހަވާސާގައި އެހެން ޤައުމުތަކުގެ އިސްވެރިންނާއެކު ދޭދޭ ގުޅުންތަކާ ބެހޭ ބައްދަލުކުރެއްވުންތައް ބާއްވާނެކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.

ބްރިކްސްގެ އިއްތިޙާދުގައި ހިމެނެނީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާއެވެ.