މުނިފޫހިފިލުވުން

ސްކޫބި ޑޫ ގެ އާ ޓްރެއިލަރ ހޯމަ ދުވަހު


ވާނަރ ބްރޮސްގެ ނުކުންނަން ތައްޔާރުވަމުންދާ އެނިމޭޓެޑް ފިލްމް "ސްކޫބް" ގެ ފުރަތަމަ ސްޓިލް ފޮޓޯތައް ދައްކާލާ އަންނަ ހޯމަދުވަހު ޓްރެއިލަރ އާއްމުކުރަން ނިންމައިފިއެވެ.

މަޝްހޫރު "ސްކޫބި ޑޫ" ޕްރެންޗައިޒްގެ "ސްކޫބް" ގެ ޑައިރެޓަރަކީ ޓޯނީ ޝެރްވޯނީ އެވެ. މި ފިލްމުގެ މަސައްކަތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. ހަނާ ބާބެރާގެ މި ސިރީޒުގެ ލައިވް އެކްޝަން ފިލްމުތަކެއްވެސް ވަނީ ނުކުމެފައެވެ. މި ގޮތުން 2002 ވަނަ އަހަރު "ސްކޫބި ޑޫ" ގެ ނަމުގައި އަދި 2004 ވަނަ އަހަރު އޭގެ ސީކުއެލް " ސްކޫބި ޑޫ 2 މޮންސްޓަރ އަންލީޝްޑް " ނެރެފައެވެ.

މި ފިލްމަތަކަށް ފަހު "ސްކޫބް" ވެގެންދާނީ އަނެއްކާވެސް މި ސީރީޒްގެ އެނިމޭޓެޑް ފުރަތަމަ ފިލްމަށެވެ. މިފަހަރުގެ ފިލްމުގެ ޕްލޮޓްވެސް ފޯކަސްކޮށްފައިވަނީ މި ސިރީޒްގައި އުޅޭ ޓީނޭޖް ޑިޓެކްޓިވްތަކަށް ދިމާވާ މިސްޓީރިއަސް ކަންތައްތަކެއްގެ މައްޗަށެވެ.

މިފަހަރުގެ ފިލްމުގައިވެސް ސްކުބީ ޑޫ އަށް އަޑު ޑަބްކޮށްދީފައިވަނީ 2002 ވަނަ އަހަރުން ފެށިގެން ސްކޫބީ އަށް އަޑުއަޅަމުން އަންނަ ޕްރޭންކް ވެލްކަރ އެވެ. ސްކޫބީގެ އެކުވެރިޔާ ޝެގީއަށް އަޑުއަޅާދީފައިވަނީ ވިލް ފޯޓްއެވެ. އަދި ފްރެޑްގެ އަޑުގެ ގޮތުގައި ޒެކް އެފްރޮންގެ އަޑު އިވިގެންދާއިރު ވެލްމާއަށް އަޑު އަޅާދީފައިވަނީ ޖިނާ ރޮޑްރިގާޒްއެވެ.

"ސްކޫބް" ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މޭ މަހުގެ 15 ވަނަދުވަހުއެވެ. މި ފިލްމް ފުރަތަމަ ސިނަމާތަކަށް ނެރެން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެހާތަނަށް ފިލްމުގެ މަސައްކަތް މުޅިން ނިންމާލެވިފައެއް ނުވެއެވެ.