ޚަބަރު

އެކްސަސައިޒް "ޖައްރާފާ 2019" ކާމިޔާބުކަމާއެކު ނިންމާލައިފި


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފަޔަރ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާކަމަށްވާ "ޖައްރާފާ 2019" މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ ހ.ފޯވިންޑުގައެވެ. މި އެކްސަސައިޒް ކުރިއަށްދިޔަ ވަގުތު އެކްސަސައިޒް ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ފައިނަލް އެކްސަސައިޒްގައި ސަރުކާރުގެ އެކި ވުޒާރަތަކާއި އަމިއްލަ ބައެއް ޖަމްޢިއްޔާތަކުންވެސް ހަރަކާތްތެރިވެފައިވެއެވެ. އެގޮތުން ހާދިސާއެއް ދިމާވާ ވަގުތު އެންމެ އެމްއެންޑީއެފާއެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވާ ފަރާތްތައްކަމަށްވާ ފުލުހުންނާއި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން އައިޖީއެމްއެޗާއި އޭޑިކޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ.

މިމަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ "އެކްސަސައިޒް ޖައްރާފާ" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައެވެ. މީގެއިތުރުން އޭރިއާތަކުގައި ޤާއިމްކުރެވިފައިވާ ފަޔަރ ސްޓޭޝަންތަކުން މި އެކްސަސައިޒްގައި ބައިވެރިވުމުގެ ގޮތުން ފަޔަރ ސްޓޭޝަން ހުންނަ ރަށުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ބާއްވާފައިވެއެވެ.

އެކްސަސައިޒް ޖައްރާފާއަކީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަމަލުކުރަމުން އަންނަ "ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގައި ހިމެނޭ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޒިންމާއާއި މަސްޢޫލިއްޔަތުތަކާއި، އަލިފާންނިވާ މީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކޮށްފައިވެއެވެ.