މުނިފޫހިފިލުވުން

އިމްރާން ހާޝިމީ މިފަހަރު އަމީތާބާއި ރިޝީއާއި އެކު

ގިނަ އަންހެންކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އިމްރާން ހާޝިމީ ކުރިޔަށް ހުރި ފިލްމުތައް ވެގެންދާނީ ތަފާތު އަދި އެނާއަށް ވަރަށް ހާއްސަ ފިލްމުތަކަކަށެވެ. މި ފިލްމުތައް ތަފާތުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އިމްރާން ހާޝިމީގެ އެންމެ އަވަހަށް ރިލީޒުވާން ތައްޔާރުވަމުން އަންނަ ދެ ފިލްމުގައިވެސް އޭނާއާއި އެކު ކުރީގެ މަޝްހޫރު ތަރިންތަކެއް ހިމެނުމެވެ.

އިމްރާންގެ ފިލްމުތަކުން އެންމެ އަވަހަށް ނުކުންނަން ތައްޔާރުވެފައި އޮތީ " ދަ ބޮޑީ" އެވެ. ސްޕެނިޝް ތްރިލަރ "އެލް ކުރެޕޯ" އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމު ހާއްސަވާ ސަބަބަކީ މި ފިލްމުގެ ލީޑުރޯލުން އިމްރާން ހާޝިމީ އާއި އެކު ފެނިގެންދާނީ ރިޝީ ކަޕޫރުއެވެ. ޖީތޫ ޖޯސެޕް ގެ ޑައިރެކްޝަންގެ ދަށުން ސިނަމާތަކަށް އަންނަ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެދީކާ އަދި ސޮބީތާ ދުލިޕަލާ ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީހުވެސް މިހާރުވަނީ ފައިނަލްކޮށްފައެވެ. މި ގޮތުން މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ތޭރަވަނަދުވަހުއެވެ. މީ އިމްރާން ހާޝިމީ އާއި ރިޝީ ކަޕޫރު އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުއެވެ.

"ދި ބޮޑީ" ގެ އިތުރުން އިމްރާން ހާޝިމީގެ ދެން ނުކުންނަން ތައްޔާރުވަމުންދާ ފިލްމަކީވެސް އޭނާއަށް ހާއްސަ ފިލްމަކަށް ވެގެންދާނެއެވެ. ސަބަބަކީ އެ ފިލްމުގައި އިމްރާން ހާޝިމީ ފެނިގެންދާނީ ސުޕަސްޓަރ އަމީތާބު ބަޗަންއާއި އެކުއެވެ. މީ އަމީތާބާއި އިމްރާން ހާޝިމީވެސް އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރުއެވެ.

ރޫމީ ޖެފްރީ ޑައިރެކްޓް ކުރާ މި ފިލްމަށް ދީފައިވަނީ " ޗެހެރާ" މި ނަމަވެ. އާނަންދު ޕަންޑިތް މޯޝަން ޕިކްޗަރސް އަދި ސަރަސްވަތީ އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގައި އަމީތާބާއި އިމްރާން ހާޝިމީގެ އިތުރުން ކާސްޓުންގެ ތެރޭގައި ކްރިތީ ކަރްބަންދާ އާއި ރިއާ ޗަކްރަބަތީ ހިމެނެއެވެ.

މި ސަސްޕެންސް ތްރިލަރގައި އަމިތާބާއި އިމްރާން ހާޝިމީ ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާއިރު މި ދެތަރިންގެ ލުކްތައް މިހާރު ވަނީ ދައްކާލާފައެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ކުރިން ކަނޑައަޅާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައެވެ. އެހެންނަމަވެސް މި ތާރީހު ފަސްކޮށް މިހާރު މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަދުވަހުއެވެ.